ދިގު މުއްދަތަކަށް ރަނގަޅު ކޮލިޓީގެ ދިވެހިވަންތަ ރޮށި ސަޕުލައިކޮށްދޭނެ ބަޔަކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހޯދަން އިއުލާންކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ ބޭނުމަށް ރަނގަޅު ކޮލިޓީގެ ދިވެހިވަންތަ ރޮށި ދިގު މުއްދަތަކަށް ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށާއި އެގޮތުން ދުވާލެއްގެ މައްޗަށް 350 ރޮށި ސަޕުލައިކޮއްދޭން ޖެހޭނެ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 1 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަންފާޅުކުރުމަށް އެދިފައެވެ.

އެމްއޭސީއެލްއިން ބުނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރުތައް އަދި ގާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮށްދޭން ވާނެ ކަމަށާއި ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުގުވެރިކަން ބަލައިނުގަނެވޭނެ ކަމަށެވެ.

އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް'ގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށްވާންވާނެ ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު 'ރިކުއެސްޓް ފޯ ކޯޓޭޝަން' މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ނަންބަރާއި ފެކްސާއި އީމެއިލް އަދި ވެބްސައިޓް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.