ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު އައްޔަން ކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަރުހާދު ފިކުރީ އާއި އިސްމާއިލް ނަވީން، މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާންއެވެ.

މި ރަސްމިއްޔާތުގައި އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ ސީނިއާ އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ.

ޑެޕިއުޓީ ކޮމިޝަނާ ފަރުހާދު ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މާޗް 30، 1991 ގައެވެ. ފުލުހުންގެ ހދުމަތުގައި މި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމުގައެވެ.

ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައި ވާފައި ވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.