މިދިޔަ އަހަރުގެ ފަހު ތިން މަހު ވައްކަމާއި، ފޭރުމުގެ 3024 މައްސަލަ ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް 3024 މައްސަލަ ހުށަހަޅާފައިވާއިރު ފުލުހުން ވަނީ 1488 މައްސަލަ ތަހުގީގުކޮށްފައެވެ. މީގެ ތެރެއިން 1565 މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމާފައިވާއިރު 37 މައްސަލަ ވަނީ ޕީޖީއަށް ހުށަހަޅާފައެވެ. މާލެ ސަރަހައްދުން ވައްކަމުގެ 1290 މައްސަލަ ހުށަހަޅާފައިވާއިރު އައްޑޫ ސިޓީއިން 50 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ފުވައްމުލައް ސިޓީއިން 19 މައްސަލަ އަދި ކުޅުދުއްފުށީ ސިޓީއިން ވަނީ 21 މައްސަލަ ހުށަހަޅާފައެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ 191 މައްސަލަ ހުށަހަޅާފައިވާއިރު މީގެ ތެރެއިން 68 މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. ފުލުހުން ތަހުގީގުކޮށްފައިވާ ގެވެށި އަނިޔާގެ 43 މައްސަލަ މާލެ ސިޓީއިން ހުށަހަޅާފައިވާއިރު، ކުޅުދުއްފުށީ ސިޓީ އިން 1 މައްސަލަ އަދި އައްޑޫ ސިޓީ އިން 2 މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ ތަކުގެ ތެރެއިން 58 މައްސަލަ ނިމިފައިވާއިރު 4 މައްސަލަ އޮތީ ޕީޖީގައެވެ. އަދި 3 މައްސަލަ ކުރިއަށް ގެންދިއުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެެ.

ފުލުހުން އާންމުކުރި ހިސާބުތަކަށް ބާލައިރު އެ މުއްދަތުގެ ޖިންސީ ގޯނާގެ 135 މައްސަލަ ހުށަހަޅާފައިވާއިރު 87 މައްސަލައިގެ ތަހުގީގުވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ޖިންސީ އަމަލެއް ހިންގަން އުޅުމުގެ 38 މައްސަލަ ހުށަހަޅާފައިވާއިރު ރޭޕްކުރުމުގެ 2 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ހަށިވިއްކުމުގެ 7 މައްސަލަ އާއި ޖިންސީ ފުރައްސާރައިގެ 11 މައްސަލައިގެ އިތުރުން އެހެނިހެން ގޮތްގޮތުން ޖިންސީ އަމަލު ހިންގުމުގެ 14 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން 58 މައްސަލަ ނިމިފައިވާއިރު، ޕީޖީގައި 10 މައްސަލަ އަދި ވަގުތީ ގޮތުން 33 މައްސަލަވަނީ މަޑުޖައްސާލާފައެވެ.

ރާއްޖޭގައި ކުށްކުރާ ނިސްބަތް އިތުރުވަމުން އަންނައިރު މި ތިން މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަނިވެސް 3337 މައްސަލަ ހުށަހަޅާފައިވެވެ. މީގެ އިތުރުން އައްޑޫ ސިޓީ އިން 183 މައްސަލަ ހުށަހަޅާފައިވާއިރު ފުވައްމުލައް ސިޓީގައި 90 އަދި ކުޅުދުއްފުށި ސިޓީގައި 44 ގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 671 މައްސަލަ ހުށަހަޅާފައިވެއެވެ.