ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރުބުރިކޮށް، މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ބިދޭސީންގެ މައްޗަށް ކުށް ސާބިތު ނުވުމުން، ޕްރޮސިިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި ކޮށްފައިވާ އިސްތިއުނާފު ޕީޖީއިން އެދިގެން ބާތިލުކޮށްފިއެވެ.

ލ. ފޮނަދޫގައި، ބަންގްލަދޭޝް ރައްޔިތެއްކަމަށް މުހައްމަދު އަސަން އުއްލާ މަރާލައިފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ދެ ދުވަސް ފަހުން މާޗް 30، 2017 ވަނަ ދުވަހު ފޮނަދޫ ގޮނޑުދޮށުންނެވެ. ފުލުހުން ކުރި ތަހުގީގުން އޭނާ މަރާލައިފާވަނީ އޭގެ ފަސް ދުވަސް ކުރިން އެ މަހުގެ 26 ވަނަ ދުވަހު ކަން އެނގުނެވެ.

މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ބަންގްލަދޭޝްގެ އަބޫކަލަމްގެ މައްޗަށް އުފުލާފައިވާއިރު ދެން ތިބި މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާތާ 5 އަހަރު ފަހުން މިދިޔަ އަހަރު ޖެނުއަރީމަހު ވަނީ އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިިތުނުވާ ކަމަށް ނިންމާފައެވެ.

މި މައްސަލަ ޕީޖީ އިން ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ މާޗް 14، 2023 ގައެވެ. އެހެންނަމަވެސް ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގެ އިސްތިއުނާފު ބާތިލުކޮށް ދިނުމަށް އެދިފައިވާއިރު މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ވަނީ އިސްތިއުނާފު ބާތިލުކޮށްފައެވެ. ޕީޖީ އިން ބުނީ އެ މައްސަލަ އަބުރާ ގެންދިއުމަށް ނިންމާ، އެމީހުންގެ އިސްތިއުނާފް މައްސަލަތަކުގެ ލިޔެކިއުންތައް ޕީޖީ އޮފީހުން މުރާޖާ ކުރިއިރު އެ މީހުންނަކީ ބިދޭސީންނަށްވެފައި އެ މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީކަމަށެވެ. އަދި މި މައްސަލާގައި ކޮށްފައިވާ ދައުވާތަކާ ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމެއް ކަމުގައި ޕީޖީ އަށް ނުފެންނަކަމަށް ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި މިހާރު ތިބި 6 މީހުންގެ އިސްތިއުނާފް ބާތިލުކުރުމާ އެކު، އެމީހުން ފުރުން މަނާކޮށް މިދިޔަ ޖޫން މަހު އިމިގްރޭޝަންގެ މައްޗަށް ހައި ކޯޓުން ނެރެފައިވާ ޑީޕޯޓުކުރުން ހުއްޓުވުމުގެ އަމުރު ވެސް ބާތިލުވެފައިވާކަމަށް އެ ކޯޓު ނިންމުމުގައި ވަނީ ބުނެފައެވެ.