20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 381 ކެންޑިޑޭޓުން ކުރިމަތިލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ މިއަދު މެންދުރު 02:00 ގައި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވާއިރު، 93 ދާއިރާއަކަށް 381 ކެންޑިޑޭޓުން ކުރިމަތިލިކަމަށެވެ.

ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވާގޮތުން 5000 މީހުން ހަމަވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަން ޖެހެއެވެ. އެހެންކަމުން މަޖިލީހަށް މެމްބަރުން އިތުރުވެގެން ދާނެއެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އީސީއިން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އީސީން ނިންމާފައި ނުވާއިރު އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.