މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުޔ ކަރުދާސް ދެއްކި މައްސަލައަކާއި ވޯޓު ލުމަށް ހުރަސް އެޅި މައްސަލައެއްގައި 3 މީހަކު ހައްޔަރު ކުރުމަށްފަހު އެމީހުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، މިއަދު މަޖިލިސް އިންތިހާބު ކުރިއަށް ދިޔަ ވަގުތު ހައްޔަރު ކުރި އެކަކަކީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރު ކުރި މީހެއް ކަމަށާއި ހަމައެއާއެކު ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީ އިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.
މަޖިލިސް އިންތިހާބުގައި ފުލުހުން ވަނީ ވޯޓު ލާ މަރުކަޒުތަކުގައި ސަލާމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހަރަކާތްތެރިވެފައެވެ. ހަމައެއާއެކު މަގުމަތީގައި ވެސް ޓްރެފިކް ބެލެހެއްޓުމަށާއި އަމާންކަމާ އެކު ވޯޓުލުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ އިރު، އެއްވެސް ބޮޑު މައްސަލައެއް ޖެހިފައި ނުވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ވޯޓު ފޮއްޓަށް ގެއްލުން ދިނުން ފަދަ މައްސަލައެއް ވެސް ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.