ދ. މީދޫ ދާއިރާގެ ގޮނޑި މި ފަހަރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ކާމިޔާބު ކުރައްވައިފިއެވެ.
ސިޔާމް ވާދަ ކުރެއްވި ދާއިރާއިން މިހާތަނަށް ގުނާފައިވާ އަށް ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުގައި ސިޔާމް އަށް ވަނީ 1032 ވޯޓު ލިބިފައެވެ. ސިޔާމް އާ ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު އިލްޔާސް އިސްމާއިލް ލަތީފަށް ލިބުނީ 214 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އަލީ ރަޝީދަށް ލިބިފައި ވަނީ 200 ވޯޓެވެ.
މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ފަސްވަނަ ފަހަރު އެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.
އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބަހަަައްޓާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ބަހައްޓައެވެ.