މާލެއާ އެއްވަރަށް އައްޑޫ ސިޓީ މި ސަރުކާރުގެ ފަސް އަހަރުތެރޭ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މާލޭގައި އުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ފަސް މަސް ދުވަސް ވީ އިރު އައްޑޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ފެށިފައިވާ ކަން ހާމަކުރައްވަމުން ރައިސް މުއއްިޒު ވިދާޅުވީ، މި ރާއްޖޭގައި ހިންގާނެ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް ވާ އައްޑޫ ބްރިޖްގެ މަސައްކަތަށް ބޭނުންވާ ސާވޭތައް ހަދާ ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ވޭތުވެދިޔަ 5 މަސް ތެރޭ ކުރެވުނު ކަންކަމުގެ ތެރެއިން 282 މިލިއަން ރުފިޔާގެ އައްޑޫގެ ފެނުގެ ނެޓްވޯކްގެ މަޝްރޫއު ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެއީ މުޅި އައްޑޫގެ ފެނުގެ މައްސަލަ ހައްލުކޮށް ދެވޭނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ފެނަކަ ކޯޕަރޭޝަންއާ އެކު އައްޑޫގައި ކަރަންޓު އަޕްގްރޭޑް ކުރުމަށް ހިންގާ މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ތާވަލުކޮށްފައިވާ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމުމުން ކުރިއަށް އޮތް 20 އަހަރު ކަރަންޓު މައްސަލައިގައި ކަންބޮޑުވުމެއް ނެތި އުޅެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫގެ ޓޫރިޒަމް ދާއިރާއިން، ހަންކެނޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި ކުރިއަށް އޮތް މަހުގައި އެ މަސައްކަތް ދެވަނަ މަރުހަލާއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓް ތަރައްގީ ކުރުމާއި މަސްވެރިކަމަށް ބޭނުންވާ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ ސަންގްރިއްލާ މައްސަލަ ވެސް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން ނޫން ކެނޑިޑޭޓުން ރައްޔިތުން ހޮވައިފި ނަމަ ކަންތައް ވާނެ ގޮތް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މަޖިލީހުން ކަމެއް ފާސްކުރަން ސަރުކާރުން މަސައްކަތް ކުރާ ވަގުތު އެ މެންބަރުން މަސައްކަތް ކުރައްވާނީ އެ މެންބަރުން ތިއްބެވި ޕާޓީއެއްގެ ފިކުރާ އެއްގޮތަށް ކަމަށެވެ.
އެގޮތުން އައްޑޫއަށް މުހިއްމު ކަމެއް ފާސްކުރަން ނިންމި ކަމުގައި ވިޔަސް ޕާޓީން ވޯޓު ނުދޭން އެދިއްޖިއްޔާ އެ މެންބަރުން ވޯޓު ނުދެއްވާނެ ކަމަށާއި އެހެންކަމުން ވަގުތު ބޭކާރުކޮށް ނުލައި އެހެން ކެންޑިޑޭޓުންނަށް ބެލުމެއް ނެތި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.
އެހެންކަމުން މަޖިލިސް މެންބަރުން ހޮވާ އިރު އެކަމަށް ރައްޔިތުން ވިސްނާފަ ވޯޓު ދިނުމަށާއި މާލެ ސިޓިއެކޭ އެއްވަރަށް އައްޑޫ ސިޓީއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ހާސިލް ކުރައްވާނީ މި ސަރުކާރުގެ ފުރަތަމަ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން އޮތީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށާއި މަޖިލިސް މެޖޯރިޓީ ލިބިއްޖެ ނަމަ ވަރަށް ބާރު ސްޕީޑުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް ވައުދުވެވަޑައިގެން ގޮތަށް ކޮށްދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ. ބޭނުންވަނީ މި ގައުމަށް ހަމަޖެހުން ގެންނަން ކަމަށާއި ހަމަޖެހުން ނެތި އެއްވެސް ހަގީގީ މާނައެއްގައި ކުރިއެރުމެއް ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.