ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތަކުން ކުރެ ޝަރުތެއް ރައްޔިތުންގެ މަޖިލިސް އިންތިހާބުން އިންތިހާބުވެ ވަޑައިގަތުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި ހަ މެންބަރުންގެ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު އިތުރަށް ވިދާޅުވީ، އެންޓި-ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެ ވަޑައިގެންފައިވާ ކޮންމެ މެންބަރަކު ވެސް އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންނޫނަސް ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި އަމިއްލަ ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީ އަށް ސޮއިކުރެއްވުމާ އެކު، ސީދާ އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ.

އެ މެންބަރުންނަކީ، ހުރާ ދާއިރާއިން ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއިން ހަސަން ޒަރީރު، މައްޗަންގޯޅި މެދު ދާއިރާއިން އަހްމަދު ޒަމީރު، ތިމަރަފުށީ ދާއިރާއިން އަހްމަދު ރިޔާޒް، ނައިފަރު ދާއިރާއިން ޔާސީން އަބްދުﷲ، ވިލިނގިލި ދާއިރާ އިން އާޒިމް އަބްދުލް އަޒީޒް އެވެ.

މި ހަ މެންބަރުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ ޕީއެންސީގައެވެ. ނަމަވެސް ރަސްމީކޮށް ޕީއެންސީގެ ޓިކެޓު ލިބުނު އެ ދާއިރާތަކުގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނަށް ޕީއެންސީން ފަހުން ތާއީދު ކުރަން ނިންމުމުން ޕާޓީން ވަކިވެ، އަމިއްލަ ގޮތުން ވާދަކުރެއްވީ އެވެ.

ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އަށް ވާއިރު ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރުގެ ސުޕަމެޖޯރިޓީ އަކީ 70 އެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި 66 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި، އެކަމަކު ޕީއެންސީން ފަހުން ތާއިދުކުރި ހަ ކެންޑިޑޭޓުންނާ އެކު، 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީގެ ޖުމްލަ އަދަދަކީ މިހާރު 72 އެވެ. މި މެންބަރުންގެ އިތުރުން ޕީއެންސީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންނާއި އެމްއެންޕީގެ މެންބަރު ހިމެނޭ އިރު ސުޕާ މެޖޯރިޓީގެ އަދަދު ކޯލިޝަންގެ މެންބަރުންނާ އެކު 76 އަށް ވަނީ އަރާފައެވެ.