ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކަނޑައި ހަވާލު ކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ ހަފްތާގައި ގިރާވަރުފަޅުން ގޯތި ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަަމުން އަކްރަމް ވިދާޅުވީ، ގިރާވަރުފަޅުގެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައި ނިމިފައި ވާތީ، ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތަކަށް އަންނަ ހަފުތާގައި ގޯތި ކަނޑައި ހަވާލުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.
އަދި މާލެ ސަރަހައްދުން ގޯތި ލިބޭ އެންމެނަށް ދައުރު ނިމުމުގެ ކުރިން ގޯތި ދީ ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަށް އެ މަސައްކަތް އެކީ ނިންމާލެވޭނެ ކަމަށް އަކަރަމް ވިދާޅުވިއެވެ.
ބިން ވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކޮށް ހުޅުމާލެއިން ގޯތީގެ އިން ޖަހާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގުޅިފަޅުން އިން ޖަހައި ގޯތި ދޫކޮށް ފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
މިހާރު ވެސް އެ ސަރަހައްދުތަކުން އިން ޖަހައި މީހުންނަށް ގޯތި ދޫކުރަމުން އަންނަ އިރު، މިހާރު ގޯތި ދޫނުކޮށް އޮތީ ގިރާވަރު ފަޅުންނެވެ. އެއީ އެންމެ ގިނަ މީހުންނަށް ގޯތި ދޫކުރާ ސަރަހައްދު ވެސް މެއެވެ.
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.