ޗައިނާގެ ޒީއޭމަން އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފަށައި އެ އެއާލައިންގެ ފުރަތަމަ ބޯޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

އެމްއޭސީއެލް އިން ބުނީ، އެ އެއާލައިން އިން މިވަގުތު ކުރަނީ ޗާޓާ ދަތުރުތަކެއް ކަމަށާއި މިއަދު ޖެއްސި ފްލައިޓުގެ އިތުރުން މިމަހުގެ 18 އާއި 22 ގައި ވެސް ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށެވެ. މިއީ ޗައިނާގެ ފޫޖިއަން ސިޓީއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ

އެ އެއާލައިނުން މިއަދު ވަނީ ރާއްޖެއަށް 236 ފަސިންޖަރުން އައިސްފައެވެ.

މިއަސު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ފުޖިއަންގެ ފުރަތަމަ ފްލައިޓް ރާއްޖޭގައި ޖެއްސުމަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. މިއާއެކު ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، ފަތުރުވެރިކަމުގެ ހިތްގައިމު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި ހޫނު މަރުހަބާއާއި ތަހުނިޔާ އަރިސް ކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމަށް މަސައްކަތް ކުރާ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުން އަންނަ އިރު، މި ވަގުތު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. މިއހަަރު މިހާތަނަށް ޗައިނާއިން 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.