މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަ މަހު 3.60 ބިލިއަން ރުފިޔާ ބަލައިގަންފައި ވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 5.7 ޕަސެންޓް އިތުރު އަދަދެއްކަމަށް މީރާ އިން ބުނެފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކުންފުނިތަކާ އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާ އަޅައިބަލާއިރު 18.9 ޕަސެންޓް ވަނީ އިތުރުވެފައެވެ.
މީރާއިން ބުނީ މިދިޔަމަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވަނީ ސުންގަޑިއަށް ފައިސާދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށެވެ. އަދި ކޮމާޝަލް ބޭންކުތަކުން މިމަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދައްކާފައިކަމަށްވެސް މީރާއިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ ޖަނަވަރީގައި ލިބުނު އާމްދަނީ އަޅައިބަލާއިރު މި އަހަރުގެ ޖަނަވަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް، ޖީޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ހިމެނޭކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މީރާއިން ބުނީ މިދިޔަ އަހަރުގެ ޖަނަވަރީގެ އާމްދަނީއަށް ބިނާކޮށް ޖީޖީއެސްޓީގެ އައު ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ކަމަށެވެ. އެހެންކަމުން މި އަހަރުގެ ޖަނަވަރީ މަހު އައު ރޭޓުގައި ޖީޖީއެސްޓީ ބަލައިގަނެފައިވާތީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަން މީރާއިންވަނީ ބުނެފައެވެ.
މިދިޔަމަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް އާމްދަނީ 12.2 ޕަސެންޓް އިތުރުވެފައިވާއިރު މީރާ އިން ބުނީ މިއީ ކޯޕަރޭޓް އިންކަމް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންކަމަށެވެ.