ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގައެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވީ، މިއީ ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވައިލެވުނު ބިލެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމަށްޓަކައި، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް މި ބިލުގެ ސަބަބުން ހައްލު ލިބިގެންދާނެއެވެ.

ފާސްކުރި އިސްލާހުގައިވާ ގޮތުން، އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ހިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ހިދުމަތެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ނުވިނަމަވެސް، ހިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ހިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ހިދުމަތެއް ނަމަ، އެއީ ރާއްޖޭގައި ފޯރުވައިދިން ހިދުމަތެއްގެ ގޮތުގައި ބެލުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައިދޭނަމަ ޖީއެސްޓީ ނެގުން ވަނީ ލާޒިމުކޮށްފައެވެ. މި ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި މާނަކޮށްފައި ވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއުމާއި ދަތުރުފަތުރު ފަދަ ފަތުރުވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތަކެވެ.

މި އިސްލާހުތަކާ އެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ހިދުމަތްދޭ ދާއިމީ ތަނެއް ނެތް އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.