ދައުލަތުގެ އިދާރާތަކުން ލިބެންޖެހި ނުލިބިވާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމް ހަމަޖައްސައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އިންތިޒާމުގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބިހުރި ބިލްތަކަށް އަޅައިކެނޑުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާ ހާލަތްތަކުގައި، ސަރުކާރުން ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހު ބާކީވާ އަދަދު ޓެކްސްގެ ގޮތުގައި އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭނެ ކަމަށް ވެއެވެ.

ނަމަވެސް، ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ އަދަދު މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާއަށް ވުރެ އިތުރުވާ ނަމަ، ޓެކުހަށް ދައްކަންޖެހޭ ބައި އަޅައިކެނޑުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަމަ އެހެންމެ މީރާއަށް ދައްކަންޖެހޭ ފައިސާއާއި ސަރުކާރުން ލިބެންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅަންވާނީ، އެކަމާ ގުޅޭ ފައިސާގެ ތަފްސީލާއެކު މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށް ވެއެވެ.