އިންޑޮނީޝިއާގައި 2 އެފްއެލްއޯ އެފްސީ ބަންޑަންގް އާއި އެފްބީއައި ސުބާމްގް އާ ދެމެދު އިއްޔެ ކުޅުނު ފްޓްބޯޅަ މެޗެއްގައި ކުޅުންތެރިއެއްގެ ގަޔަށް ހޮނުއަޅައި ވަގުތުން މަރުވެއްޖެއެވެ.
މިހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯ މިހާރު އިންޓަނެޓުގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުން ދާ އިރު ފެންނަނީ މަރުވި ކުޅުންތެރިޔާ، ބޯޅައަށް އިންތިޒާޒު ކޮށްގެން ހުއްޓާ ކުއްލިއަކަށް އޭނާގެ ގަޔަށް ހޮނުއެޅިތަނެވެ. އެއާއެކު އޭނާ ވަގުތުން ވެއްޓުނެވެ. ދަނޑުމަތީގައި ތިބި އެހެން ހުރިހާ ކުޅުންތެރިންނަށް ހުއްޓުން އެރި އިރު، ކުލިބަލަން ތިބި މީހުންނަށް ވެސް ލިބުނި ކުލި ޝޮކެކެވެ.
ދުނިދަނޑިއެއްހެން އަި ހޮނު އެހެން އެއްވެސް ކުޅުންތެރިއަކާ ދިމާ ނުވެ އަމާޒުވީ މަރުވި ކުޅުންތެރިއާ އަށެވެ.
އޮފިޝަލުން އޭނާ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
މިއީ ފްޓްބޯޅަ ދަނޑަކަށް ހޮނުއެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބްރެޒީލްގެ ދަނޑަކަށް ވެސް ހޮނުއަޅާފައި ވެއެވެ. އެ ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ ފަހުން 21 އަހަރުގެ ޒުވާނަކު މަރުވި އިރު ހޮނު އެޅުމުގެ ސަބަބުން އިތުރު 5 މީހަކު ޒަހަމް ވިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިކަރާގުއާގެ މަނަގުއާގައިވެސް މިފަދަ ހާދިސާއެއް ހިނގިއެވެ. އެ ހާދިސާގައި ހޮނުއެޅުމުގެ ސަބަބުން ކުޅުންތެރިއަކު ވަނީ މަރުވެފައެވެ.
އޮގަސްޓް 2022 ގައިވެސް މިފަދަ ހާދިސާއެއް ޖަރުކާންދްގައި ހިނގާފައި ވެއެވެ. އެހާދިސާގައި ހޮނު އެޅުމުގެ ސަބަބުން 19 އަަހަރުގެ ކުޅުންތެރިއަކު މަރުވިއެވެ.
ދަނޑުމަތީގައި މިފަދަ ތަފާތު އެތައް ހާދިސާތަކެއް ހިނގާފައި ވާ އިރު މިފަހުން އާންމުކޮށް ހިނގާފައި ވާ އެއް ހާދިސާއަކީ ކުޅެން ހުއްޓާ ކުއްލިއަކަށް މެޔަށް ތަދެއް އަރައި ހެއަށް ގޮތްވެ ވެއްޓުމުގެ ހާދިސާތަކެވެ. ބައެއް މީހުންނަށް ހާޓް އެޓޭކް ޖެހިގެން ފަރުވާ ދީފައި ވެސް ވެއެވެ.