އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ދަތުރުކޮށްފިއެވެ. ފްރާންސަށް ނިސްބަތްވާ ޕީއެސްޖީ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ސްޕެއިންގެ ރިއާލް މެޑްރިޑް 4-0 އިން ބަލިކޮށްގެންނެވެ.

މެޗު ކުޅުނު މެޓްލައިފް ސްޓޭޑިއަމްގެ ބޭރުގައި ކާރޫބާރޫ ބޮޑުވުމުގެ ސަބަބުން ދެ ޓީމަށް ވެސް ދަނޑަށް އާދަވުނީ ކަނޑައެޅިފައިވާ ގަޑި ފަހަނާ އަޅާ ޖެހުނު ފަހުންނެވެ. މީގެ ސަބަބުން މެޗުގެ ފެށުން ލަސްވެގެން ދިޔަ އިރު މެޗު ފެށިތާ 24 މިނެޓްގެ ތެރޭގައި ޕީއެސްޖީން ނަތީޖާ ކަށަވަރު ކުރިއެވެ.

މިގޮތުން، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނެޓްގައި ފެނިގެން ދިޔައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ރޭގެ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ފަބިއަން ރުއީޒެވެ.

އޭނގެ 3 މިނެޓް ފަހުން އުސްމާން ޑެމްބެލޭ ޖެހި ލަނޑާއެކު ނަތީޖާ 2-0 އަކަށް ވެގެން ދިޔައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރުއީޒް އަނެއްކާވެސް ލަނޑެއް ޖެހި އިރު ފުރަތަމަ ހާފް ނިމުނީ 3-0 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް މޮޅެއް ކުޅެ ލަނޑެއް ޖެހީ ޕީއެސްޖީންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރާމޯސްއެވެ. ޕޯޗުގަލްއަށް ނިސްބަތްވާ ރާމޯސް ވަނީ ލަނޑު ޖެހުމަށް ފަހު މިދިޔަ ހަފްތާގައި ކާރު އެކްސިޑެންޓެއްގައި މަރުވި ގައުމީ ޓީމުގެ ޓީމް މޭޓް އަދި ލިވަޕޫލްގެ ފޯވަޑް ޑިއޭގޯ ޖޮޓާގެ ހަނދާނުގައި 'ގޯލް ސެލަބްރޭޝަނެއް' ހަދާފައެވެ.

32 ޓީމާއެކު ފެށި ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީއިން ވާދަ ކުރާނީ އިންގްލޭންޑްގެ ޗެލްސީއާއެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.