އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑްކަޕްގައި ބައިވެރިވާ 32 ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ވެސް އެއް މެޗު ކުޅެފައިވާ އިރު ޔޫރަޕްގެ ޓީމުތަކުގެ އަތުގައި އޮތް 13 އަހަރުވީ ރިކޯޑް ދަމަހައްޓައިފިއެވެ.
އެއީ ކަލަބް ވޯލްޑް ކަޕް މުބާރާތްތަކުގައި ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ޔޫރަޕް ނޫން ބައްރެއްގެ ޓީމެއްގެ އަތުން ބަލި ނުވުމުގެ ރިކޯޑެވެ. ޔޫރަޕްގެ ޓީމެއް އެންމެ ފަހުން އެހެން ބައްރެއްގެ ޓީމެއްގެ އަތުން ބަލިވެފައިވަނީ 2012 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލް މެޗުގައެވެ. އެފަހަރު ފައިނަލްގައި އިންގްލޭންޑްގެ ޗެލްސީ އާޖެންޓީނާގެ ކޮރިންތިއަންސް އަތުން ބަލިވިއެވެ.
ޔޫރަޕްގެ ޓީމުތަކުގެ ރިކޯޑް ދެމެހެއްޓުނު ނަމަވެސް ފުރަތަމަ ބުރުގެ މެޗުތައް ނިމުނު އިރު ޔޫރަޕްގެ ބައެއް ޓީމުތައް ބަލިނުވެ ސަލާމަތްވީ ހަމަ ކިރިއާއެވެ. މިގޮތުން، ގްރޫޕް އެފްގައި ޖާމަނީ ބޮރޫޝިއާ ޑޯޓްމަންޑާ ބްރެޒިލްގެ ފުލަމިނީޒް ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު މި މެޗުން ބްރެޒިލްގެ ޓީމު މޮޅު ނުވީ ޑޯޓްމަންޑްގެ ކީޕަރު ގްރެގާ ކޮބެލްގެ ހުޝިޔާރު ކަމުންނެވެ.
ގްރޫޕްއޭގައި ބްރެޒިލްގެ ޕަމާރީސްއާ ޕޯޗުގަލްގެ ޕޯޓޯ ވާދަ ކުރި މެޗުގައި ވެސް ބްރެޒިލްގެ ޓީމުން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި އިރު އެމެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ޔޫރަޕްގެ ރިކޯޑް ފުނޑާލަން އެންމެ ކައިރިވީ އާޖެންޓީނާގެ ބޮކާ ޖުނިއާސްއާއެވެ. މިގޮތުން ގްރޫޕް ސީގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 ގެ ލީޑެއް ބޮކާ ޖޫނިއާސްއިން ނެގި ނަމަވެސް ބެންފީކާއިން ވަނީ ފަހަތުން އަރާ 2 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ފުރަތަމަ ބުރުުގެ މެޗުތައް ނިންމާލީ ފާހަގަކޮށްލެވޭ ނަތީޖާތަކާ އެކުއެވެ. މިގޮތުން، ޖާމަނީ ބަޔާންއިން ފުރަތަމަ މެޗު 10-0 އިން ކާމިޔާބުކުރި އިރު އިޓަލީގެ ޔުވެންޓަސް ފުރަތަމަ މެޗުގައި 5 ލަނޑު ޖެހިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ފުރަތަމަ މެޗު 2-0 އިން ކާމިޔާބުކުރި އިރު ފްރާސްންސްގެ ޕީއެސްޖީ އަދި އިންގްލޭންޑްގެ ޗެލްސީން ވެސް ވަނީ އެޓީމުތަކުގެ މެޗުތައް ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ބުރުގެ އެންމެ ފޯރިގަދަ މެޗު ކުޅުނު ސްޕެއިންގެ ރިއާލް މެޑްރިޑްއާ ސައުދީގެ އަލް ހިލާލްއާ ދެމެދުއެވެ. ދެ ޓީމުން ވެސް އާ ކޯޗުތަކެއް ބެލުމުގެ ދަށުން މުބާރާތް ފެށި އިރު ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.