އިޒްރޭލުގެ އިންޓެލިޖަންސަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި ގަތަރުން ހައްޔަރު ކުރި އިންޑިއާގެ ނޭވީގެ ކުރީގެ 8 އޮފިސަރަކު މަރަން ހުކުމް ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

އޭގެ ތެރެއިން 7 މީހަކު މިހާރު އިންޑިއާ އަށް އެނބުރި ގޮސްފައި ވާ އިރު، އެމީހުން ދޫކޮށްލީ އިންޑިއާ ސަރުކާރުން ގަތަރު ސަރުކާރުގައި އާދޭސްކޮށްގެނެވެ.

އެ 8 މީހުން ހައްޔަރު ކުރީ ޖާސޫސް ކުރުމުގެ ތުހުމަތުގައި ކަމަށް ބުނެފައި ވީ ނަމަވެސް ޖާސޫސް ކުރީ ކޮން ކަމަކަށް ކަމެއް އަދި އެމީހުން އިޒްރޭލަށް ފޯރުކޮށްދިނީ ކޮން މައުލޫމާތެއް ކަމެއް ސާފެއް ނުވެއެވެ.

އޮގަސްޓް 2022 ގައި މި މީހުން ހައްޔަރު ކުރި އިރު ފެންމަތިވި މައުލޫމާތު ތަކަށް ބަލާއިރު، އެމީހުން އިޒްރޭލަށް ފޯރުކޮށް ދިނީ ގަތަރުން ކުރިއަށް ގެންދާ ސަބްމެރީން މަޝްރޫއަކާ ގުޅޭ މައުލޫމާތު ކަމަށް މީޑިއާތަކުގައި ބުނެފައި ވެއެވެ.

އެއާއެކު އެމީހުން މަރަން ގަތަރުގެ ކޯޓުން ހުކުމް ކުރުމުން އިންޑިއާ އިން ވަނީ އެތައް ފަހަރެއްގެ މަތިން ގަތަރު ސަރުކާރާ މުއާމަލާތުތައް ކޮށް މަރުގެ ހުކުމް ބަދަލުކޮށްދޭތޯ އާދޭސް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން ދޫކޮށްލަން ގަތަރުން އެއްބަސްވެ އެންމެން ދޫކޮށްލި މި ދަނޑިވަޅަކީ ވޯލްޑް ގަވަރުމަންޓް ސަމިޓު ގަތަރުގައި ހިނގާ ދަނޑިވަޅުވެސް މެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި ޗެއާ ކުރައްވާ 3 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއެވެ.

މި 8 މީހުން ގަތަރުގައި މަސައްކަތް ކުރަމުން ދިޔައީ އިޓަލީގެ ޓެކްނޮލޮޖީގެ އެހީގައި ރާޑަރަށް ނާރާ ސަބްމެރީން އޮޕަރޭޝަނެއް ގަތަރުގައި ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ދަހްރާ ގްލޯބަލް ޓެކްނޮލޮޖީސްގެ ކޮންސަލްޓަންޓުންގެ ގޮތުގައެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާ އާއި ގަތަރާ ދެމެދު ނުތަނަވަސްކަން އުފެދިގެން ދިޔަ ނަމަވެސް ދެގައުމަކީ ވިޔަފާރީގެ ދާއިރާގައި ވަރުގަދަ ގުޅުމެއް އޮންނަ ދެގައުމެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ދެގައުމުން ވަނީ 10 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކޮށްފައެވެ.