މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އަދި ގަތަރު ޗެރިޓީއިންކޮށްފިއެވެ.

މިސްކިތް އެއްކޮށް އޭސީކޮށް އަބާތުރަ ފިލުވުމަށްފަހު އަލުން ހުޅުވާފައި ވަނީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ ފެބުރުއަރީ މަހުގެ 27 ވީ ބުރާސްފަތި ދުވަހުއެވެ.

2006 ވަނަ އަހަރު އިމާރާތްކޮށްފައިވާ ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާއިރު މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ.

މިސްކިތް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ އެ ކުންފުނިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރަށް، މުޖުތަމައުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ. އަދި މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫއަކީ އިޖްތިމާއީ ހައްގުގައި ޒަމާނުއްސުރެ ކުރަމުންގެންދާ މަސައްކަތުގެ ހެއްކެއްކަން ހާލިދު ފާހަގަކުރެއްވިއެވެ.

ހާލިދު ވިދާޅުވީ މި މަރާމާތުތަކުގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި މި މަޝްރޫއު ހގީގަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް ހާލިދު ވަނީ ގަތަރު ޗެރިޓީއަށް ޝުކުރު ދަންނަވާފައެވެ.

ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ އަލްފާޟިލް ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮޖެކްޓާއެކު ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އުރީދޫއިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވާ އުރީދޫ ފަދަ ޕާޓްނަރުންނާއެކު މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީއިން ތައްޔާރަށް ހުރިކަން ފައިސަލް ރަޝީދު އަލްފެހައިދާ ފާހަގަކުރެއްވިއެވެ.