ސައުދީ އަރަބަިއްޔާގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ވެރިޔާ، ނާޔިފް ބިން އީދް އަލް ޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދެ ބޭފުޅުންނާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ ވަކި ވަކިންނެވެ. ފަހަދް އާއި ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓާ (އެމްއައިއެފްސީ) ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމަށް ވިދާޅުވެފައި ވެއެވެ.
އަދި ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދެމެދު ވެވުނު އެމްއައިއެފްސީ އުފެއްދުމުގެ ޖޮއިންޓް ވެންޗާ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.
އަދި ފަހަދް ވެސް ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ، ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.
މި އިހްތިރާމުގެ ޒިޔާރަތް ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާގެ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މީގެ އިތުރުން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ވެރިޔާ ހައިނަސް ނާޔިފް ބިން އިދް އަލް ޘާނީ އާއި ބައްދަލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ބަދަހި ހާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން ބިނާވެފައިވަނީ ގާތް ރަހުމަތްތެރިކަމާއި އެއް ގައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ހެޔޮނިޔަތާއި، ތަރައްގީގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިބުމުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން އެކުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނޭ ކަމުގެ އުއްމީދު ހިއްސާކުރައްވާފައެވެ.