އެއްގަމު މަގުން ރަފާއަށް އަރަން އިޒްރޭލު ސިފައިން ތައްޔާރުވަމުން ދާ އިރު، އެގޮތަށް އެކަން ކޮށްފި ނަމަ މިހާރު ކުރިއަށް ދާ ސުލްހައިގެ ވާހަކަތައް ހުއްޓޭނެ ކަމުގެ އިންޒާރު ހަމާސް އިން ދީފިއެވެ.

އިޒްރޭލު ސިފައިން ރަފާ ވަށާލައި މިހާރުވެސް ރަފާއަށް ބޮން އަޅާ ހަމާލާ ދެމުން ގެންދާ އިރު، އެއްގަމު މަގުން ރަފާއަށް އެރުމަށް އިޒްރޭލު ސިފައިން ތިބީ ތައްޔާރަށެވެ.

ޔަހޫދީ ބޮޑުވަޒީރުގެ އޯޑަރަކަށް މަޑުކޮށްގެން ތިބި އިރު އޭނާ ވަނީ ސިފައިންނަށް ހާއްސަ އިރުޝާދެއް ދީފައެވެ. އެގޮތުން ރަފާގައި ތިބި 1.5 މިލިއަން އާންމުން ބޭރު ކުރުމަށާއި އެކަމުގައި އަމަލު ކުރާނެ ގޮތެއްގެ މަގުޗާޓެއް ހުށަހެޅުމަށް އޭނާ ވަނީ މިހާރު އަންގާފައެވެ.

މި މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި، އެކިއެކި އިދާރާތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ވެރިން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ އިރު، އިޒްރޭލަށް އެންމެ ބޮޑަށް މަދަދުދޭ އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ރަފާގައި ތިބި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ 'ހަރުދަނާ" ޕްލޭނެއް ނެތި ރަފާއަށް އަރައިގެން ނުވާނެ ކަމަށެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުން ރައްކާތެރިކަން ހޯދަން 1.5 މިލިއަން މުސްލިމުން ގޮސް ތިބި، މިވަގުތަށް އޮތް ހަމައެކަނި ހިޔާވައްސަކީ ރަފާއެވެ. މިސްރުގެ ބޯޑަރާ އިންވެގެން އޮންނަ ރަފާއަށް އަރައިގަތުމަށް އިޒްރޭލު ތައްޔާރުވަމުން ދާ އިރު އެކަން ނުކުރުމަށް މިސްރުންވެސް ވަނީ އިޒްރޭލަށް އަންގާފައެވެ. އަދި ރަފާއަށް އަރައިފި ނަމަ އިޒްރޭލާއެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލާނެ ކަމަށާއި، ހަނގުރާމައިގެ ތެރެއަށް ވަންނަން މިސްރަށް މަޖުބޫރުވެދާނެ ކަމަށް ބުނެ އިންޒާރު ދީފައި ވެސް ވެއެވެ.

ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަން ކުރުމާއި ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކޮށް ކަރުދާހެއް ހުށަހަޅާފައި ވާ އިރު، އެ ކަރުދާހަށް ހަމާސް އިން ހުށަހެޅި އިސްލާހުތައް ބަލައިނުގަންނާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ. ހަމާސްގެ ހުށަހެޅުމަކީ 135 ދުވަހަށް ހަމަލާ ހުއްޓާލައި ކޮންމެ 45 ދުވަހަކުން ރަހީނުން މިނިވަން ކުރަމުން ގޮސް އެންމެން މިނިވަން ކުރުމެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގާޒާގެ ސިއްހީ ހިދުމަތްތަކާއި އެނޫންވެސް އަސާސީ ހިދުމަތްތައް އަލުން ފެށުމާއި ފުނޑުފުނޑު ކޮށްލާފައިވާ ގާޒާ އާރާސްތު ކުރުމުގެ މަސައްކަތް ފަށައިގަތުމެވެ. އެ 135 ދުވަސް ހަމަވާއިރު ސުލްހައިގެ މަގުން ގޮސް އެއްކޮށް ހަނގުރާމަ ހުއްޓާލުމަކީ ހަމާސްގެ ހުށަހެޅުމެވެ.

ނަތަންޔާހޫ ބުނެފައި ވަނީ، އެ ހުށަހެޅުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށާއި ގާޒާއިން އިޒްރޭލު ސިފައިންވެސް ނުފައިބާނެ ކަމަށެވެ. އަދި ހަނގުރާމަ ދާނީ ކުރިއަށް ކަމަށާއި "ކާމިޔާބު" ނޫން ގޮތެއް އިޒްރޭލުން ގަބޫލު ނުކުރާނެ ކަމަށެވެ. އެކަމުގައި ވޮޝިންޓަނުން ބައިވެރިވިޔަސް ނުވިޔަސް އަދި އިޒްރޭލު އެކަނި ވިޔަސް ފަރުވާލެއް ނެތް ކަމަށާއި ހަނގުރާމަ ހުއްޓާނުލާނެ ކަަމަށް ބުނެފައި ވެއެވެ.

މި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ދުނިޔޭގެ ލީޑަރުންނާއި އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުން ދެކި ބަސް ބުނަމުން ދާ އިރު ސައުދީން ބުނެފައި ވަނީ، ރަފާއަށް އިޒްރޭލު އެރުން ހުއްޓުވަން ޖެހޭނެ ކަމަށާއި، ގާޒާއިން އިޒްރޭލު ނުފައިބަނީސް އިޒްރޭލާއެކު ގުޅުން ގާއިމު ނުކުރާނެ ކަމަށެވެ.