ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރުމުގައި ކުރިއެރުމެއް ލިބިއްޖެ ކަމަށް ބުނެ ރޭ އެމެރިކާ, ގަތަރު އަދި މިސްރުން ބަޔާނެއް ނެރެފައި ވަނިކޮށް އެއީ އެފަރާތްތަކުން 'ވިއްކަމުން ދާ އަވާމެންދުރެއް' ކަމަށް ހަމާސް އިން ބުނެފިއެވެ.
2 ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ ސުލްހައިގެ ވާހަކަތަކަށް ފަހު ރޭ އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ހަމާސް އާއި އިޒްރޭލާ ދެމެދު އެއްބަސް ނުވެވި ހުރި ކަންކަމުގައި އެއްބަސްވުމަކަށް އާދެވުމަށް އޮތް ހުރަސްތައް ނައްތާލެވިފައިވާ ކަމަށެވެ. އަދި ދެން އޮތީ މަގުޗާޓެއް އެކުލަވާލުން ކަމަށް ބުނެފައި ވެއެވެ.
މި ވާހަކާތަކާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ, އުއްމީދު އާވެއްޖެ ކަމަށެވެ. ސުލްހައިގެ ވާހަކަތަކަށް އިޝާރާތް ކޮށް އިޒްރޭލުން ބުނީ, ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރުމަށް އެމެރިކާ އާއި ގުޅިފައިވާ ބައިވެރިން ކުރަމުން ދާ މަސައްކަތަށް ބަލައިގަންނަ ކަމަށެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް އަރައިގަނެ 1200 މީހަކު މަރާލުމުގެ ބަދަލު ހިފަން ޖެހިގެން އައި ދުވަހު އިޒްރޭލުން ފެށި ގަތުލުއާންމުގައި ގާޒާއިން މިހާތަނަށް 40,000 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 15,000 އެއްހާ ކުޑަކުދިން ހިމެނެއެވެ.
ހަމާސް އިން އިޒްރޭލަށް އެރި ދުވަހު ރަހީނުންގެ ގޮތުގައި 251 އެކަކު ގާޒާއަށް ގެންގޮސްފައި ވެއެވެ. މީގެ ކުރިން އެއްބަސްވި ސުލްހައިގެ ވާހަކަތަކުން އޭގެ ތެރެއިން 105 މީހަކު ހަމާސް އިން މިނިވަން ކުރިއެވެ. ބަދަލުގައި އިޒްރޭލުން ވަނީ އެމީހުންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 9,000 އެއްހާ މީހުންގެ ތެރެއިން 240 މީހަކު މިނިވަން ކޮށްފައެވެ. އިޒްރޭލުން ބުނާގޮތުން ހަމާސްގެ އަތްދަށުގައި އަދިވެސް އިޒްރޭލުގެ 111 މީހަކު ވާ އިރު އޭގެ ތެރެއިން 39 މީހަކު މަރުވެފައި ވެސް ވެދާނެއެވެ.
އިއްޔެ ނިމުނު 2 ދުވަހުގެ މަޝްވަރާތަކުގެ މައްޗަށް މަގުޗާޓެއް އެކުލަވާލުމަށް ފެށޭ ހަފްތާގައި ޓެކްނިކަލް ޓީމުތަކުން ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން މިސްރުގައި ބޭއްވުމަށް ނިންމާފައިވާ އިރު ހަމާސްގެ އިސް އޮފިޝަލުންގެ ބަހަކީ ސުލްހައިގައި ކުރިއެރުން ލިބުނު ކަމަށް ބުނެ އެފަރާތްތަކުން ދައްކާ ވާހަކަތަކަކީ 'އަވާމެންދުރެއް' ކަމަށެވެ.