އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ތެރޭގައި ރަހީނު ކުރި 250 މީހުންގެ ތެރެއިން މަރުވެފައި ވާ 6 މީހެއްގެ ހަށިގަނޑު މީގެ 2 ދުވަހެއް ކުރިން ވަނީ ފެނިފައެވެ.

އެ 6 މީހުންވެސް ފެނުނީ ރަފާހްގެ ބިމުއަޑީގެ ޓަނަލަކުން ކަމަށާއި، އެމީހުނާ ހަމައަށް ދެވުމުގެ ގަޑިއެއްހާ އިރު ކުރިން އެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

އެކަން ދޮގުކޮށް އެމީހުން މަރުވީ އިޒްރޭލުން ދެމުން ގެންދިޔަ ހަމަލާތަކުގެ ސަބަބުން ކަމަށް ހަމާސް އިން ބުނެ ބަޔާނެއް ދިންތާ 2 ދުވަސް ފަހުން މިއަދު ބުނެފައި ވަނީ، އިޒްރޭލުގެ އުދުވާން ހުއްޓާނުލައި ކުރިއަށް ގެންދާނަމަ ދެން ތިބި ރަހީނުންވެސް ގެންދަން ޖެހޭނީ ސަންދޯކަށް ލައިގެން ކަމަށެވެ.

ހަމާސްގެ އަސްކަރީ ގޮފި، ގަސަމް ބްރިގޭޑުން މި ބަޔާން ނެރެފައި ވާ އިރު ރޭ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ، ހަމާސްގެ ކިބައިން ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް ބުނެ އިންޒާރު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ، މަރުވި 6 މީހުންގެ ހާދިސާ އާ ގުޅިގެން މުޅި އިޒްރޭލު ރޮމުން ދާ ކަމަށާއި ހަމައެފަދައިން އޭނާވެސް ހިތާމަ ކުރާ ކަމަށެވެ. އަދި އެ 6 މީހުން ސަލާމަތުން އަނބުރާ އިޒްރޭލަށް ގެނެވިފައި ނުވުމުން އިޒްރޭލުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެއާއެކު ހަމާސް އަށް އިންޒާރު ދެމުން އޭނާ ބުނެފައި ވަނީ، އެ މަރުތަކާ ގުޅިގެން ދައްކަން ޖެހޭ އަގު ބޮޑުވާނެ ކަމަށާއި އެ މަރުތަކުގެ ބަދަލު ނުހިފާ ދޫކޮށްލާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި އެމެރިކާ އާއި ގަތަރާއި މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރިއަށް ގެންދާ ސުލްހައިގެ ވާހަކަ ތަކުގައި އިޒްރޭލުން އެއްގޮތަކަށް ވެސް އެއްބަސް ނުވާނެ ކަންތައްތަކެއް އެބަހުރި ކަން ހާމަ ކުރަމުން އޭނާ ބުނީ، މަޝްވަރާތަކުގައި ހުށަހަޅާ ހުށަހެޅުންތަކަށް އެއްބަސް ނުވާން އުޅެނީ ހަމާސް ކަމަށެވެ.

ހަމާސްއިން ބުނެފައި ވަނީ ސުލްހައިގެ އެއްބަސްވުން ލަސްކޮށް، އެއާ ފެއަށް ދާ ބަޔަކީ އިޒްރޭލު ކަމަށާއި، ގާޒާގައި އިޒްރޭލު ސިފައިން ތިބެން އެމީހުން ރުހި ދޫކޮށްނުލާނެ ކަމަށެވެ. އެހެން ކަމުން ހަމާސްގެ ހުށަހެޅުމުގައި ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ގޮތަށް 3 މަރުހަލާ އަކަށް އެއްބަސްވުން ކުރިއަށް ގެންދާ އިރު، ރަހީނުން މިނިވަން ކުރުމަށާއި، މުޅި ގާޒާއިން އިޒްރޭލު ސިފައިން ފޭބުމަށެވެ.

ސުލްހައިގެ އެއްބަސްވުމަށް ނުގޮސް އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ފުޅާ ކޮށް މިހާރު ހުޅަނގު އައްސޭރިއަށް ވެސް ވަނީ އަރާފައެވެ. މި އުދުވާނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުވެ އަދި ޒަހަމް ވަމުން ދާ އިރު، ރަހީނުން މިނިވަން ނުކުރެވޭ މައްސަލައިގައި އިޒްރޭލުގެ ތެރޭގައި ދަނީ ސަރުކާރާ ދެކޮޅު ވަރުގަދަ މުޒާހަރާއެއް ހިނގަމުންނެވެ. އެ މުޒާހަރާގައި އިދިކޮޅު ފަރާތްތަކާއި ޓްރޭޑް ޔޫނިއަން އަދި ލޭބާ ޔޫނިއަންތަކުގެ އިތުރުން ރަހީނު ކުރި ފަރާތްތަކުގެ އާއިލާތައް ވެސް ހިމެނެއެވެ.