އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނަށް ތާއީދު ހޯއްދެވުމަށް އެމެރިކާގެ ދިފާއީ ވަޒީރު އަނެއްކާވެސް އިޒްރޭލަށް ވަޑައިގެންފިއެވެ.
ގާޒާ ހަނގުރާމަ ފެށިފަހުން މެދުއިރުމައްޗަށް ކުރައްވާ 9 ވަނަ ދަތުރުގައި ބްލިންކެން މިހާރު ތެލްއަވީވްގައި ހުންނެވި އިރު އޭނާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލު ކުރައްވާނެއެވެ.
މި ދަތުރާ ގުޅިގެން ހަމާސް އިން ބުނެފައިވަނީ، އެމެރިކާއިން ސުލްހައިގެ ޕްލޭނަށް ތާއީދު ހޯދާ ސުލްހަ އަވަސް ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅަނީ އިޒްރޭލުގެ ބޮޑުވަޒީރު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން އުފުލަމުން ދާ ތަކުލީފާއި ވޭން، ހަމާސްގެ އަތްދަށުގައި ގާޒާގައި ތިބި އިޒްރޭލުގެ ރަހީނުންނަށް ވެސް އުފުލަން ޖެހިފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ތެލްއަވީވް އަށް ފަހު ބްލިންކެން ދެން ވަޑައިގަންނަ ވާނީ މިސްރަށެވެ.
މި ދަތުރާ ގުޅިގެން ބްލިންކެން އޮފީހުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، ގާޒާ ސުލްހައާއި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ވުން މިހާރު ވަނީ ކުޑަތަންވެފައި ކަމަށެވެ. އެ އޮފިޝަލާ ހަވާލާދީ ރޮއިޓާސް ބުނީ 'މިއީ ވަރަށް ނާޒުކު ވަގުތެއް' ކަމަށެވެ.
އެމެރިކާ، ގަތަރު އަދި މިސްރު ބައިވެރިވާ ސުލްހައިގެ މަޝްވަރާތައް ކުރާތާ އެތައް މަހެއް ވެފައި ވާ އިރު އަދި ވަނީ ސުލްހަ ގާއިމު ނުކުރެވިއެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް ދިމާވެފައި ވަނީ ހަމާސްގެ ހުށަހެޅުން އިޒްރޭލުން ގަބޫލު ނުކުރުމާއި އިޒްރޭލުގެ ހުށަހެޅުން ހަމާސް އިން ގަބޫލު ނުކުރުމެވެ.
އިޒްރޭލުން ބޭނުންވަނީ އެއްވެސް ޝަތުރެއް ނެތި ހުރިހާ ރަހީނުން ހަމާސް އިން ދޫކޮށްލުމަށެވެ. ހަމާސް އިން ބޭނުންވަނީ، ގާޒާއިން އިޒްރޭލު ސިފައިން ފައިބާ، ގާޒާގެ ޖަލުތަކުގައި ތިބި ހަމާސްގެ ރަހީނުން ދޫކޮށްލުމަށެވެ.
ބްލިންކެން އިޒްރޭލަށް ވަޑައިގެންނެވި ވަގުތު، މިއަދުވެސް އިޒްރޭލުން ވަނީ ގާޒާގެ ދެއިރް އަލް ބަލާހް އާއި ހާން ޔޫނިސް އަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިފަދަ އެއް ހަމަލާއެއްގައި ދެއިރް އަލް ބަލާހުން އާއިލާއެއްގެ ހުރިހާ މެންބަރުން ހިމެނޭހެން ޖުމްލަ 21 މީހަކު ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި 18 މަހުގެ ތުއްތު ކުއްޖަކާއި ކުޑަކުދިންނާއި އެކުދިންގެ މައިންވެސް ހިމެނެއެވެ.