އިޒްރޭލުން ގާޒާއާ ދެކޮޅަށް އުދުވާން ފެށިފަހުން މިހާތަނަށް 115 ތުއްތުކުދިން ޝަހީދު ކޮށްލާފައި ވާ އިރު، އުފަންވި ދާ އެންމެ 4 ދުވަސް ވީ އެއްމާބަނޑު އައްސީރު އާއި އައިސެލް ހިމެނިގެން ދިޔައީ އެ ލިސްޓުގައެވެ.

އެ ދެކުދިންގެ ބައްޕަ މުހައްމަދު އަބޫ އަލްގުމްސާން އަކީ، އިޒްރޭލުން ހަމަލާތައް ފަށާ ގާޒާ ސްޓްރިޕް ހުސްކުރަން އެންގުމައެކު އެތަން ދޫކޮށް ދެއިރް އަލް ބަލާހް އަށް ދިޔަ މީހެކެވެ. ވިހަން ތައްރާރުވެފައި އިން އަންހެނުންނާއި އޭނާގެ މަންމަ އާއެކު ދެއިރް އަލް ބަލާހް އަށް ދިޔައީ އެއީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅާ އެންގި ތަނަކަށް ވާތިއެވެ.

އެއްމާބަނޑު ދެބެން މުހައްމަދަށް ލިބުނީ އެތާނގައި ހުއްޓައެވެ. އަންހެނުން ވިހެއުމާއެކު ވިހާ މަރުވާގައި ރަޖިސްޓްރީ ކުރުމަށް މުހައްމަދު އޮތީ އެ ދަރިންގެ މައުލޫމާތު ކަމާބެހޭ އިދާރާއަށް ފޮނުވާފައެވެ.

އުފަންވި ތާ 4 ވަނަ ދުވަހު، އެކުދިންގެ ރަޖިސްޓްރީ ނުވަތަ ސެޓްފިކެޓް ބަލާ އައުމަށް އިދާރާއިން ގުޅުމުން މުހައްމަދު ދިޔައީ އެތަނަށެވެ.

އެއީ މުހައްމަދުގެ މުޅި ދިރިއުޅުން އެބައެއްގެ މައްޗަށް ބިނާކުރަމުން އައި ލޯބިވާ އަނބިމީހާ އާއި ތުއްތު ދެ ކުދިންނާއި އެކުދިންގެ މާމަގެ ފުރާނަ އިޒްރޭލުން ދުއްވާލި ވަގުތެވެ.

"އަހަންނަށް ލިބުނީ ކޯލެއް، ބުނީ އިޒްރޭލުން މިސައިލް ހަމަލާއެއް ދީފި ކަމަށާއި މުހައްމަދު ދިރިއުޅެމުން ދިޔަ ގެ ބިނާ ހަމަވެއްޖެ ކަމަށް"

މުހައްމަދު ބުނީ އެ ހަބަރާއެކު ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނު ކަމަށާއި މީހާއަށް ހުއްޓުން އެރި ކަމަށެވެ.

ދެ އަތުން 2 ސެޓްފިކެޓް ދައްކާލަމުން މުހައްމަދު ބުނީ، މުޅި ޒިންދަގީ ހަފުސް ވެއްޖެ ކަމަށެވެ.

އިޒްރޭލުން ގަސްދުގައި އާންމުން މަރާ، އަދި އާންމުން ތިބޭ ތަންތަނަށް ހަމަލާ ދެމުން ގެންދާ އިރު ތަފާސް ހިސާބުތައް ދަނީ ދުވަހުން ދުވަހަކަށް މައްޗަށެވެ. މިދިޔަ ހޮނިހިރު ދުވަހަކީވެސް އެފަދަ ދުވަހެކެވެ. އިޒްރޭލުގެ ހަމަލާތަކުން ރައްކާތެރިކަން ހޯދަން އެތައް ލައްކަ ބަޔަކު ސްކޫލުތަކާއި އދ ގެ އިމާރާތްތަކުގައި ތިއްބާ އެތަންތަނަށް ވެސް ދަނީ ހަމަލާދެމުންނެވެ. ހޮނިހިރު ދުވަހު ދިން އެފަދަ ހަމަލާއެއްގައި ވެސް 70 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.

އިޒްރޭލުން ދޭ މިހަމަލާތަކުގައި ދިފާއުގައި ޔަހޫދީ ދައުލަތުން ބުނަމުން ދަނީ ހަމަލާ ދެނީ ހަމާސްގެ މުޖާހިދުން އާންމުންގެ ތެރޭގައި ފިލާ ތިބޭތީ ކަމަށާއި ދެއިރް އަލް ބަލާހް އަށް ދިން އެ ހަމަލާ އަކީވެސް ހަމާސްގެ މުޖާހިދުން ފިލާ ތިބިކަން އެނގިގެން ދިން ހަމަލާއެއް ކަމަށެވެ.

އިޒްރޭލުގެ އުދުވާން ހައްދުފަހަނައަޅާ ގޮސް ހަނގުރާމައިގެ ޖަރީމާ ނުވަތަ ގަތުލުއާންމު ހިންގަމުން ދާއިރު އެކަން ހުއްޓުވޭނެ ގޮތެއް ދުނިޔެއަކަށް ނުވިއެވެ.

އިޒްރޭލުގެ އުދުވާން ދިފާއުކުރުމުގައި އެމެރިކާ ކަމަރު ބަނދެގެން މިސައިލާއި ބޮމާއި އަދި އިތުރު ގޮވާތަކެތި ފޮނުވަމުން ދާ އިރު އިއްޔެ އަކީ ވެސް އިޒްރޭލަށް ދޭ އެހީ އިތުރު ކޮށް އިތުރު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމި ދުވަހެކެވެ.

ގާޒާގެ ރައްޔިތުން މަރާ ހުސްކުރުމުގައި އެމެރިކާގެ ފުރިހަމަ ދައުރު އޮތް އިރު، އަނެއްކޮޅުން ދައްކާ ދަޅައަކީ އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމުކުރާ ވާހަކަ ދައްކާ ދަޅައެވެ. ހަނގުރާމަ ފެށުނީއްސުރެ ސުލްހައިގެ ވާހަކަ ދައްކަަމުން އަންނަ އިރު އަދިވެސް ބުނަނީ ސުލްހަ އަށް ފުރުސަތު އޮތް ކަމަށާއި އުއްމީދު ނުގެއްލޭ ކަމަށެވެ.