20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން 12 ފެބްރުއަރީ ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސައިިިފިއެވެ.
ފޯމް ހުށަހެޅުން ކުރިއަށް ދާނީ ދަރުބާރުގޭގައި މާދަމާ ހެނދުނު 10:45ން ފެށިގެން އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލާފައެވެ. އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެ އިސްލާހު ހުށަހަޅާފައިވަނީ އެކަމާ ގޫޅޭ ގޮތުން އެމްޑީޕީ ޕީޖީއާއެކު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އަދި އެ އިސްލާހު މަޖިލީހުން ބަލައިގަނެ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވާލާފައެވެ. އަދި އެ އިސްލާހު އެ ކޮމިޓީގެ 5 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.