މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ ޓެކްސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.
ޓެކްސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ފެބުރުވަރީ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވާފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިލެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ ޓިކެޓުގައި ޖަމީލް ކުރިމަތިލައްވަނީ ތިމަރަފުށީ ދާއިރާއަށެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރު 19 އިން ފެށިގެން ޓެކްސް ކޮމިޝަނަރު ކަމުގައި ހުންނެވި ފަތުހުﷲ ޖަމީލަކީ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
2003 ވަނަ އަހަރު މީރާ އާއި ގުޅިވަޑައިގެން ރެވެނިއު އޮފިސަރެއްގެ މަގާމު އަދާކޮށް އޭގެ ފަހުން މީރާގެ ސީނިއާ ރެވެނިއު އޮފިސަރުގެ މަގާމުވެސް ވަނީ އަދާކޮށްފައެވެ.
2010 ވަނަ އަހަރު ފަތުހުﷲ ޖަމީލް ވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު އަދާކޮށްފައެވެ. މީރާއިން ވަކިވެވަޑައިގަންނަވާ، ފަތުހުﷲ ޖަމީލް ވަނީ ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމުވެސް އަދާކުރައްވާފައެވެ.