ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މެންބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި ޖުމްލަ މެންބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަން ދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތަށް ކުރިއަށް ދިއުމަށް އެ އަމުރުގައި ވެއެވެ.
މި އަމުރު ނެރެފައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ތިން ފަނޑިޔާރުންގެ އަޢުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ރައުޔު ތަފާތުވި ފަނޑިޔާރުންނަކީ އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމް އެވެ. އެ ފަނޑިޔާރުންގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ. ސަބަބަކީ ޖުމްލަ މެންބަރުންގެ އަދަދު ފާސްވާން ޖެހޭ މައްސަލައެއް މިވަގުތު މަޖިލީހުގައި ނެތުމާއި އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށް ވާތީ އެވެ. އަދި އެ މައްސަލަ ބިނާކޮށްފައި ވަނީ ހަމައެކަނި ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭގޮތުން އެކަނި ނޫން ކަމަށް އެ ރައުޔުގައި ވެއެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލަ ހުށަހަޅަންޖެހޭއިރު ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަނުން ބުނެފައި ވަނީ، އިތުބާރު ނެތް ކަމަށް ހުށަހަޅައި ރައީސް ޑރ. މުއިއްޒު މަގާމުން ވަކިކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުން ވިޔަސް އެ ފުރުސަތު މަޖިލީސް ތެރެއިން ނުދޭނެ ކަމަށެވެ.
ވަރަށް ފުރިހަމަ