ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަސް ނިމޭތާ ދިހަ ދުވަސް ފަހުން އިންތިހާބު ބާއްވަން ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ރަމަޟާން މަހު އިންތިހާބު ނުބާއްވާ ގޮތަށް ހުށަހެޅި އިސްލާހު ހިމެނޭހެން، އިންތިހާބާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބަވާ ފަސް މެންބަރުންގެ ވެސް އިއްތިފާގުންނެވެ

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އިންތިހާބެއް ބާއްވަން ނިންމާފައިވާ ތާރީހު ރަމަޟާން މަހާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އަދި ރަމަޟާން މަހު އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް، ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

މީގެ އިތުރުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ހުށަހަޅާފައި ވަނީ:

- ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކުރާއިރު އައިޑީކާޑު ނަންބަރު ހިމެނުމަށް

- ބައި އިލެކްޝަނެއް ނަމަ ބައި އިލެކްޝަނެއްގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތަފްސީލު ހިމެނުމަށް

- އިންތިހާބެއްގައި އިތުރު ބުރަކަށް ދާ ނަމަ އެ ބުރެއްގައި އަމަލުކުރާނެ ގޮތް ހިމެނުމަށް

- ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 100 އަށް ވުރެ މަދު ނަމަ ހަތަރު ކަރުދާސްކޮޅު އިތުރުކުރުމަށް، 100 އަށް ވުރެ ގިނަ ނަމަ އަށް ކަރުދާސްކޮޅު އިތުރުކުރުމަށް

- ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ކަށަވަރުކުރަން ޖެހޭނެ ކަމަށް ހިމެނުމަށް

- އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ހުރިހާ ފަރާތްތަކަށް ވެސް އިންތިހާބުތައް މޮނިޓަރުކުރެވޭނެ ގޮތް ހެދުމަށް

- ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓެއް ނުވަތަ މަންދޫބެއް ނެތް ނަމަ، އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ދައުވަތު ދެވޭ ތިން މީހަކު މަރުކަޒުގައި ނެތް ނަމަ، ވޯޓު ގުނުން ކުރިއަށް ގެންދެވޭނެ ކަމަށް ހިމެނުމަށް

- ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާގައި އޮންނަ ގޮޅީގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމެނިފައިވާ ނަމަ، ވޯޓު ސައްހަ ވާނެ ކަމަށް އިތުރުކުރުމަށް

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މީގެ ތެރެއިން ބައެއް އިސްލާހުތަކަށް ބަދަލު ގެނައި ނަމަވެސް، ޖުމްލަ ގޮތެއްގައި ޝިފާއު ހުށަހެޅުއްވި ބިލަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެކަމަކު ބިލު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ވެބްސައިޓުގައި އަދި ޝާއިއުނުކުރާތީ އެ އިސްލާހުތަކުގެ ތަފްސީލެއް ނޭނގެއެވެ.

ފަސް މެންބަރުންގެ ކޮމިޓީން އިއްޔެ ބޭއްވި ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމަށް ފަހު ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ލިބޭ މުއްދަތު ކުރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ 21 ގައި އިންތިހާބު ބާއްވައިފިނަމަ، ވޯޓު ގުނުމަށް ލިބެނީ ހަ ދުވަހުގެ މުއްދަތެއް ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ އަންނަ މަހުގެ 17 ގައި މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. އެ ދުވަހަކީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.