ރަމަޟާން މަހު އިންތިހާބު ނުބާއްވާ ގޮތަށް ހުށަހެޅި އިސްލާހު ހިމެނޭހެން، އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރުމަށް ނިންމައި، އެކަމަށްޓަކައި އެކުލަވާލި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގެ ބައްދަލުވުން މިއަދަށް ނިންމާލައިފިއެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • އިބްރާހީމް މުއިއްޒު (ހެންވޭރު އުތުރު)
  • އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު)
  • އަލީ ހުސައިން (ކެންދޫ)
  • އަހްމަދު ޒާހިރު (ގައްދޫ)
  • މުހައްމަދު ރަޝީދު (ފުވައްމުލައް އުތުރު)

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަސައްކަތަކަށް އޮތީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމެވެ. އެގޮތުން ކޮމިޓީގެ މުގައްރިރަކަށް އިމްތިޔާޒް، އަދި ނައިބު މުގައްރިރަކަށް އަލީ ހޮވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެއަށްފަހު ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން އިމްތިޔާޒް ވިދާޅުވީ، މި ބިލަށް އިލެކްޝަންސް ކޮމިޝަނުން ހިއްސާކުރާ ކޮމެންޓުތަކުގެ އަލީގައި މި ބިލަށް ބަދަލުތައް ގެންނަން ފެނިއްޖެ ނަމަ، އެ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި ކޮމިޓީގެ ބައްދަލުވުމެއް މާދަމާ އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އިންތިހާބެއް ބާއްވަން ނިންމާފައިވާ ތާރީހު ރަމަޟާން މަހާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އަދި ރަމަޟާން މަހު އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް، ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

މީގެ އިތުރުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ހުށަހަޅާފައި ވަނީ:

  • ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކުރާއިރު އައިޑީކާޑު ނަންބަރު ހިމެނުމަށް
  • ބައި އިލެކްޝަނެއް ނަމަ ބައި އިލެކްޝަނެއްގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތަފްސީލު ހިމެނުމަށް
  • އިންތިހާބެއްގައި އިތުރު ބުރަކަށް ދާ ނަމަ އެ ބުރެއްގައި އަމަލުކުރާނެ ގޮތް ހިމެނުމަށް
  • ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 100 އަށް ވުރެ މަދު ނަމަ ހަތަރު ކަރުދާސްކޮޅު އިތުރުކުރުމަށް، 100 އަށް ވުރެ ގިނަ ނަމަ އަށް ކަރުދާސްކޮޅު އިތުރުކުރުމަށް
  • ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ކަށަވަރުކުރަން ޖެހޭނެ ކަމަށް ހިމެނުމަށް
  • އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ހުރިހާ ފަރާތްތަކަށް ވެސް އިންތިހާބުތައް މޮނިޓަރުކުރެވޭނެ ގޮތް ހެދުމަށް
  • ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓެއް ނުވަތަ މަންދޫބެއް ނެތް ނަމަ، އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ދައުވަތު ދެވޭ ތިން މީހަކު މަރުކަޒުގައި ނެތް ނަމަ، ވޯޓު ގުނުން ކުރިއަށް ގެންދެވޭނެ ކަމަށް ހިމެނުމަށް
  • ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާގައި އޮންނަ ގޮޅީގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމެނިފައިވާ ނަމަ، ވޯޓު ސައްހަ ވާނެ ކަމަށް އިތުރުކުރުމަށް