ވަޒީފާ އާ ބެހޭ ގާނޫނާ ހިލާފުވިކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ސާފުކުރުމަށް ކޮމިޓީއަކަށް ފޮނުވައި ދިރާސާކޮށް، އަޅަން ޖެހޭ ފިޔަވަޅު އަޅައިދިނުމަށް އެދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ފާސްކޮށް، އެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވާލައިފިއެވެ.

ސައުދު ހުށަހަޅުއްވައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ތާއީދުކުރެއްވި އެ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ ތެރެއިން އެ ހުށަހެޅުން ކޮމިޓީ އަށް ފޮނުވައި ދިރާސާކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 29 މެންބަރުންނެވެ. ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަށް ގެންނަން ހުޅުވާލުމާއި ވަޒީފާ އާ ބެހޭ މެންޑޭޓު ދެ މިނިސްޓްރީއަކަށް ބަހާލުމުގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ތަފާސްހިސާބުތައް ދައުލަތުގެ ޕްލެޓްފޯމްތަކުން ނެގި މައްސަލައިގައި ތިން ވަޒީރަކު ވަޒީފާ އާ ބެހޭ ގާނޫނާ ހިލާފަށް އަމަލުކުރެއްވި ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސްކުރައްވަމުން ސައުދު ވިދާޅުވީ:

  • ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ތަކުރާރުވަމުންދާ ކަމަށް
  • މި ސަރުކާރުގެ މިނިސްޓްރީތަކަށް މެންޑޭޓު ބެހިފައިވާ ގޮތުން، ރާއްޖެ އަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ރެފިއުޖީ ސްޓޭޓަސްގެ ބިދޭސީންގެ ބޮޑު އަދަދެއް ރާއްޖޭގައި އުޅޭ ހާލަތަށް ގެންދިއުމަށްޓަކައި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް

ސައުދު ވިދާޅުވީ، މިނިސްޓްރީތަކުގެ މެންޑޭޓުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ ތެރެއިން ޖާގަތައް ހުޅުވާލެވިގެންދާ ކަމަށާއި، ވަކި ގައުމަކުން އެ ފުރުސަތުގެ ބޭނުން ހިފަމުން ދާނެ ކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއަކަށް ވާނީ ރާއްޖެ އަށް ނުތަކާ ވަރަށް ބިދޭސީން އިތުރުވެ، ދިވެހިންނަށް އޮތް ފުރުސަތުތައް ގެއްލި މަސައްކަތްތެރިކަމުގެ ދާއިރާއިން ދިވެހިން އުފެދުމަށް އޮތް ހުރަހަކަށެވެ.

އެހެންކަމުން ސައުދު ހުށަހެޅުއްވީ މި މައްސަލައިގައި މަޖިލީހުން ކޮމިޓީ އަށް މައްސަލަ ދިރާސާކުރަން ފޮނުވައި އިންކުއަރީ އެއް ހެދުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ބިދޭސީ މަސައްކަތްތެރިންގެ ތަފާސްހިސާބުތައް ނެގި ސަބަބު ވެސް ހޯދައި، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.