ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ އާންމު ރައްޔިތުންނާ ގުޅުންހުރި ބަޖެޓެއް ނޫން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ބަޖެޓެއްގެ ގޮތުގައި ފެންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މެންބަރު މީކާއިލް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މީކާއިލް ވިދާޅުވީ، މި ބަޖެޓަކީ އަންނަ އަހަރު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެސް ހެޔޮ ބަދަލެއް ގެނެސްދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ބަޖެޓް މަޖިލީހަށް ހުށަހަޅައި، ދިރާސާކޮށް ފާސްކުރަމުން ދަނީ ގާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައި އޮތުމުން ހަމައެކަނި "ސިމްބޮލިކް" ކަމެއްގެ ގޮތުގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން، މިއީ އެއްވެސް އަގެއް ނެތް "ރަބަރު ސްޓޭމްޕް" ބަޖެޓެއް ކަމަށާއި، ބަޖެޓުގައި އެކަށީގެންވާ ތަފްސީލުތައް ހިމަނާފައި ނުވާތީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. ބަޖެޓް ދިރާސާކުރިއިރު ޑެފިސިޓަށާއި، ރިކަރަންޓް ހަރަދަށާއި އަދި ޕޭރޯލަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގައުމު ބޮޑު އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތްއިރު އަދި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އަންނަ އަހަރު އަލަށް 7،000 މުވައްޒަފުން ނަގަން ބަޖެޓުގައި ހިމަނާފައިވާތީ މީކާއިލް ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންގެ ފައިސާއިން ވަޒީފާ ބަހައިގެން ސިޔާސީ ކެމްޕޭނެއް ހިންގުމަށް ކުރާ ކަމެކެވެ. އަދި ދައުލަތުގެ ވަޒީފާތައް އިތުރުވާ ވަރަކަށް ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ހާލަތު އިތުރަށް ދަށަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ސަރުކާރުން އަބުރުގެ ގާނޫނެއް ގެންނަން އުޅޭކަމަށް ތުހުމަތުކުރައްވަމުން މީކާއިލް ވިދާޅުވީ، މާޒީގައި ވެސް އަބުރުގެ ގާނޫނެއް ހަދައިގެން ރައްޔިތުންގެ އަޑު ކަނޑުވާލެވިފައި ނުވާ ކަމަށެވެ. އަދި ބޭސްފަރުވާއާއި ކިޔެވުމަށް ބޭނުންވާ ޑޮލަރު ނުލިބޭ ވާހަކައާއި އަސާސީ ބޭސްތައް ނުލިބޭ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބަޖެޓުގައި ހިމަނާފައިވާ ރަސްމާލެ މަޝްރޫއަކީ ބޮޑު ވައްކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ފާރަވެރިވުމަށް މީކާއިލް ގޮވާލެއްވިއެވެ. އަދި ސަރުކާރުގެ މިފަދަ ނިންމުންތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދާ އިހުތިޖާޖުތަކަށް މަރުހަބާ ވިދާޅުވެ، ރައްޔިތުން މިކަންކަމާ ދެކޮޅަށް ތެދުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.