ދިވެހިރާއްޖޭގެ ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެންމެހައި އާމްދަނީ ބަލައިގަތުމާއި މާލީ އެންމެހައި ކަންކަން ހިންގާ ބެލެހެއްޓުން މިނިސްޓްރީ އޮފް ފައިނޭންސްގެ ބެލުމުގެ ދަށަށް ގެންދިއުމަށްޓަކައި، ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ ފިސްކަލް ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމްސްގެ އާމްދަނީގެ އެންމެހައި ހިސާބުތައް ބެލެހެއްޓުމާއި ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތުގެ ކަންކަން އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކަސްޓަމްސްގެ އިދާރީ ހިންގުމާއި އޮޕަރޭޝަނަލް މަސައްކަތްތައް ކުރީގެ އުސޫލުން ކުރިއަށްދިޔަ ނަމަވެސް، މާލީ ކަންކަމާ ގުޅޭ އެންމެހައި ނިންމުންތަކާއި ފައިސާ ބަލައިގަތުމުގެ އިހްތިސާސް ދެން އޮންނާނީ މާލީ ވުޒާރާގެ ބެލުމުގެ ދަށުގައެވެ.

ބަޖެޓު އެކުލަވައިލުމާއި ހަރަދުތައް ބެލެހެއްޓުން

މި ބިލުގައި ހިމަނާފައިވާ މުހިންމު އެއް ބަދަލަކީ ކަސްޓަމްސްގެ އަހަރީ ބަޖެޓު އެކުލަވައިލުމުގެ އުސޫލަށް ގެނެވޭ ބަދަލެވެ. އެގޮތުން، ކަސްޓަމްސްގެ އަހަރީ ބަޖެޓު އެކުލަވައިލައި މަޖިލީހަށް ހުށަހަޅާނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޝްވަރާއާއެކު ސީދާ މިނިސްޓަރ އޮފް ފައިނޭންސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން ކަސްޓަމްސް އިން އަމިއްލައަށް ބަޖެޓު އެކުލަވައިލައި ހުށަހަޅަމުން އައި ނަމަވެސް، އައު އިސްލާހާއެކު ދައުލަތުގެ މުޅި ބަޖެޓުގެ ތެރެއިން ކަސްޓަމްސްގެ މާލީ އިމްތިޔާޒުތަކާއި ހަރަދުތައް ކަނޑައެޅުމުގެ އެންމެ އިސް ދައުރެއް އަދާކުރާނީ މާލީ ވުޒާރާއިންނެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ ތަރައްގީގެ އެކި ޕްރޮޖެކްޓްތަކަށާއި ވަސީލަތްތައް އިތުރުކުރުމަށް ހިނގާނެ ހަރަދުތައް ހަމަޖެއްސުމާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަންވެސް ދައުލަތުގެ ޕޭ ކޮމިޝަނާއި މާލީ ވުޒާރާގެ ހަމަތަކުގެ ތެރެއިން ވަރަށް ބޮޑަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މުދަލުގެ އަގު ކަނޑައެޅުމާއި ޑިއުޓީ އިސްތިސްނާކުރުން

ބިލުގައި ހިމެނޭ އަނެއް މުހިންމު ބަޔަކީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ކަނޑައެޅުމާއި، ޑިއުޓީ މާފުކުރުމާ ގުޅޭ ކަންކަމެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު ވަޒަންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލުމުގައި ފިނޭންސް މިނިސްޓަރުގެ ލަފަޔާއި އިރުޝާދު ހޯދުން ވަނީ ލާޒިމުކޮށްފައެވެ.

ހަމައެއާއެކު، އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީތަކުން ލުއި ދިނުމާއި އިސްތިސްނާ ދިނުމުގެ ގަވާއިދުތައް އެކުލަވައިލަންވާނީވެސް ފިނޭންސް މިނިސްޓަރުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިއީ ވިޔަފާރިތަކަށާއި އެކި ފަރާތްތަކަށް ޑިއުޓީ އިނާޔަތްތައް ދިނުމުގައި ދައުލަތުގެ އިގްތިސާދީ އަދި މާލީ ހާލަތަށް ރިއާޔަތްކުރުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ނުލިބި ހުރި ފައިސާ ހޯދުމުގެ ނިޒާމު ހަރުދަނާކުރުން

ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ އަނބުރާ ހޯދުމުގެ މުޅި ނިޒާމު މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެންދިއުމަކީ މި ބިލުގެ ވަރަށް މުހިންމު އަމާޒެކެވެ. އެގޮތުން، ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލުން ނަގަންޖެހޭ ޖޫރިމަނާއާއި، އެކި ސަބަބުތަކާ ހުރެ ދައުލަތަށް ނުދައްކައި ހުރި އިމްޕޯޓް ޑިއުޓީގެ ފައިސާ ދެނެގަނެ، އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ގާނޫނީ އަދި އިދާރީ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ވިލަރެސްކުރުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މި ބަދަލާއެކު، ދައުލަތުގެ އެހެނިހެން ޓެކްސް އިދާރާތަކާއި މާލީ މުއައްސަސާތަކާ ގުޅިގެން، ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ކަންކަން އެއް އޮނިގަނޑެއްގެ ތެރެއިން ތަންފީޛުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިފަދަ ބޮޑު އިސްލާހެއް ކަސްޓަމްސްގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ، އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ނުލިބި ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައި ހުރުމެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުން، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ފައިސާގެ އަދަދު 435.8 މިލިއަން ރުފިޔާ އަށް އަރައެވެ.

ދައުލަތަށް ބޮޑެތި އަދަދުތަކުން އާމްދަނީ ގެއްލެމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދައުލަތުގެ މާލީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ މި ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމުގައި ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިހާރު އިއްވާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ބިލުގެ އިބްތިދާއީ ބަހުސް ފެށި، ކަމާބެހޭ ދާއިމީ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.