ވަޒީފާ އާ ބެހޭ ގާނޫނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ލޭބާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިިފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ވަޒީފާ އާ ބެހޭ ގާނޫނުގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ އަށް ގެނައުމަށް ކޯޓާ ދޫކުރުމާއި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި، އެ މުއްދަތަށް ރާއްޖޭގައި ހުރުމުގެ އިހްތިޔާރު ލިބިގެން ވަނީ ހޯމް މިނިސްޓްރީ އަށް ކަމަށާއި، ވަޒީފާ އާ ބެހޭ ގާނޫނު ތަންފީޒުކޮށް ގަވައިދު ހަދައި ހިންގުމަކީ ލޭބާ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ.

ހިސާން ވިދާޅުވީ، ވަޒީފާ އާ ބެހޭ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދެއްގައި އެ ގާނޫނު ހިންގުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތައް ހަދާނީ މިނިސްޓަރު ކަމަށާއި، އެ ގާނޫނުގައިވާ 'މިނިސްޓަރަކީ' ވަޒީފާގެ ކަންކަން ބެހެލެއްޓުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަށް ނުވަތަ އޭނާ ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ ފަރާތެއް ކަމަށާއި 'މިނިސްޓްރީ' ކަމަށް ބުނެފައި ވަނީ ވަޒީފާ އާ ބެހޭ ކަންކަން ރެގިއުލޭޓުކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދަކު އެ ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާނުކުރެވޭނެ ކަމަށާއި، ވަޒީފާ އާ ބެހޭ ކަންކަން ރެގިއުލޭޓުކުރުމުގެ މަސްއޫލިއްޔަތު އެވަގުތަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއަށާއި މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރުގެ ބައެއް އެހެން މިނިސްޓްރީއަކާ ހަވާލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވުމާއެކު ލޭބާ މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ވުޒާރާއަކަށް އެ ގާނޫނުގެ ދަށުން ނިންމަން ޖެހޭ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށާއި، ހޯމް މިނިސްޓްރީ އަށް އެ ގަވައިދުން ބާރު ލިބިގެން ނިންމަން ޖެހޭ ނިންމުމެއް ނުވަތަ ގަވައިދެއް ހަދަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާ އާ ބެހޭ ގާނޫނުގެ 1-65 ވަނަ މާއްދާގެ ދަށުން އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުން ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން މިހާރު ވެސް 139،220 ބަންގްލަދޭޝް މީހުން މަސައްކަތްކުރުމުގެ ހުއްދަ ލިބިގެން ރާއްޖޭގައި އެބަ ތިބި ކަން ހިސާން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ބަންގްލަދޭޝް މީހުން ފިޔަވައި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސާލަން ސަރުކާރުން ހަމަޖެއްސިކަމަށް ހޯމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެންގީ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގެ 1-65 ވަނަ މާއްދާގެ މަގްސަދަކީ އެހެން އެއްވެސް ގައުމެއްގެ ރައްޔިތުންގެ އާބާދީ ރާއްޖޭގެ އާބާދީގެ ނިސްބަތާ އަޅާ ބަލާއިރު އިތުރުވެގެން ނުދިއުމާއި އެގޮތަށް އިތުރުވެއްޖެ ނަމަ މުޖުތަމައަށް ދިމާވެދާނެ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތަކާއި ގައުމީ ސަލާމަތަށް ކޮށްފާނެ އަސަރު ކުޑަކުރުންކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން ސަރުކާރުން ބަންގްލަދޭޝްގެ ރައްޔިތުންނަށް ރާއްޖެ އަށް މަސައްކަތްކުރަން އައުމުގެ ހުއްދަ ދީ އެހެން ގައުމެއްގެ ރައްޔިތުންނަށް އެ ހުއްދަ ނުދޭން ނިންމީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އެ މާއްދާގެ މަގްސަދު ގެއްލޭ ގޮތަށް ކަމަށެވެ.

އަދި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ 'ފޮރިން ލޭބާ ސްޓެޓިސްޓިކްސް ރިޕޯޓު 2023' އެ މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ އިން ފޮހެލާފައިވާތީ އިކޮނޮމިކް މިނިސްޓްރީން ވެސް އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ހިސާން ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ އަށް ބަހުސްކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ވޯޓާ އެކީގައެވެ.