އަންނަ އަހަރު އާ މަޝްރޫއުތައް ފެށުން މަދުވާނެ ކަމަށާއި، މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި ވަނީ ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ފަރުމާކޮށްފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އަދި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވުމަށް އިރުޝާދު ދެއްވާފައި ވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ފަހު، މި ސަރުކާރުގެ އަމިއްލަ އެޖެންޑާއާ އެކު ކުރިއަށް ދިއުމުގެ ފުރުސަތު މި ސަރުކާރަށް އޮތެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނާ ގުޅިފައިވާ އެ މަޝްރޫއުތައް ހުއްޓާނުލައި ނިންމައިދިނުމެވެ.
"މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މުއްތަލިބް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އަދިވެސް 43 ރަށެއްގައި ފެނުގެ ނިޒާމު އަދި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ނިޔަލަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި ނިޒާމުތައް ގާއިމުވެފައިނެތް ރަށްރަށުގައި އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް ކަމަށް ވިދާޅުވިއެވެ.
"މިހާތަނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާ ނަރުދަމާގެ ބާކީ ހުރިވަރަށް ބަލާނަމަ އަޅުގަނޑުމެންނަށް 43 ރަށުގައި ފެނުގެ ނިޒާމު ޤާއިމް ނުކުރެވި އެބައޮތް. އަދި 33 ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމް ނުކުރެވޭ. އެހުރިހާ ރަށެއްގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ޤާނޫނީ ގޮތުންވެސް ޒިންމާއެއް. މިފެށޭ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާ ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކުރެވިފައިވާ ބައެއް ކުންފުނިތަކުން މަސައްކަތް ފުރިހަމަނުކޮށް ހުއްޓާލާފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނޭ ޑުޕްލެކްސް ކުންފުންޏާ ވާހަކަދައްކައިގެން މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައެއް ކުންފުނިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ވެސް ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
2020 ވަނަ އަހަރު ތަސްދީގުކުރި ފެނާއި ނަރުދަމާގެ ގާނޫނުގައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ 5 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި މި ނިޒާމު ގާއިމުކޮށް ނިންމަން ޖެހެއެވެ. އެ މުއްދަތު މިއަހަރަށް ހަމަވާތީ، 2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުން ލާޒިމުވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު، ރައްޔިތުންގެ މަޖިލީހުން ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ފާސްކޮށްފައެވެ.
