މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުޖުތަބާ ލަތީފް އާއި ލަމްއާން މުހައްމަދު ހަމަޖައްސަވައިފިއެވެ.

މުޖުތަބާއަކީ މީގެ ކުރިން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލްގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅާއަށްވާއިރު ލަމްއާންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުޑަދުވަސްކޮޅެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް ލަމްއާން ހަމަޖެއްސެވިއިރު އެ މަގާމަށް މުޖުތަބާ ހަމަޖައްސަވާފައިވަނީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އާއިޝަތު ޖެނީފާ ކަމަށްވާއިރު އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ސަރުކާރު ބަދަލުވުމާ ގުޅިގެންނެވެ. އަދި އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކޮށްފައިވާއިރު މިއީ އެގޮތަށް ދެ ބޭފުޅުން އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.

މުޖުތަބާ އާއި ލަމްއާން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް ހަމަޖައްސަވާފައިވާއިރު އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ 10 އަހަރަށްފަހު އެ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާފައެވެ.