ރިޔާސީ ބަޔާން އިއްވަން މާދަމާ ހެނދުނު 9:00 ޖަހާއިރު ބާއްވަން ތާވަލު ކޮށްފައި ވާ ރައްޔިތުންގެ މަޖިލީހުގެ ޖަމްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

މިރޭ ބޭއްވި ޕީޖީގެ ބައްދަލުވުމުގައި އެގޮތަށް ފާސް ކުރީ ޕީޖީގެ މެންބަަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ބައެއް މެންބަރުން ފާޅު ކުރެއްވި ޝުއޫރުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެ މަޖިލީހަށް ގޮން ޖައްސަވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައި ވެއެވެ.

އެހެން ބައެއް މެންބަރުން ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައި ވަނީ، އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ގިނަ އަދަދެއްގެ މެންބަރުން ތިއްބެވި އިރު އެ މެންބަރުން މާދަމާ މަޖިލީހަށް ވަޑައިގެން ފާޅު ކުރެއްވޭ ޝުއޫރެއްގެ ސަބަބުން ރައީސަށް، ރިޔާސީ ބަޔާން އިއްވެވުމަށް ދަތިފުޅު ވެދާނެ ކަމަށާއި އެެހެން އެކަން ވިޔަ ނުދިނުމަށް ވެސް މާދަމާގެ ޖަލްސާއަށް ވަޑައިނުގަންނަވަނީ ކަމަށެވެ.

އަދި މާދަމާ ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަކަށް ފަސޭހަފުޅު ކަމާއެކު ރިޔާސީ ބަޔާން އިއްވަވަން ފުރުސަތު ދެއްވުމައް ބައެއް މެންބަރުން ޝުއޫރުފާޅު ކުރެއްވި ކަމަށް ވެސް ވަނީ މައުލޫމާރު ލިބިފައެވެ.

މާދަމާގެ ޖަލްސާ އެމްޑީޕީގެ ޕީޖީން ބޮއިކޮޓު ކުރަން ނިންމާފައި ވާ އިރު، އެމްޑީޕީގެ ޕީޖީ ގްރޫޕާއި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އެބަދެއެވެ.

ބައެއް މެންބަރުން ވިދާޅުވާ ގޮތުން މިހާރުވެސް 30 ސޮއި ވަނީ ހަމަވެފައެވެ.