ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުގެ މަގްސަދުގައި އެމައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީ އެއް ފޮނުވާ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިއީ ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގާ މައްސަލަ ނިންމުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އަވަހަށް އިންސާފު ގާއިމުކޮށް ގެވެށި އަނިޔާގެ އަމަލު ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިންމު ކަމެއް ކަމަށް އެ އޮފީހުން ފާހަގަކޮށްފައި ވެއެވެ.

"އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، ސިޓީ ތައްޔާރުކޮށް މިހާރު ދަނީ ކޯޓަށް ފޮނުވަމުން" ޕީޖީ އޮފީސް

މީގެ އިތުރުންވެސް މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، ޕީޖީ އޮފީހުގެ ވެބްސައިޓުން ބެލޭނޭ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެއާއެކު މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން އެ މައުލޫމާތު ބަލަން ބޭނުންނަމަ އެ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެކަމުގެ ސަބަބުން ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި، އެ މީހަކަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދިނުމުގެ އިތުރުން އެކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުން ކަމަށް ވެއެވެ.