ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއާ ނުލައި އިތުރު 03 މީހަކަށް އެ ޕާޓީގެ ޓިކެޓް ކަށަވަރުވެއްޖެއެވެ.
އެމްޑީޕީ އިން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެމްޑީޕީ އިން ޕްރައިމަރީ އާ ނުލާ ޓިކެޓް ލިބިފައިވާކަން މިއަދު އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންނަކީ
1- އަބްދުﷲ ވަހީދު – ދިއްދޫ ދާއިރާ
2- ޔާސިރު އަބްދުއްލަތީފް – ކުޅުދުއްފުށި އުތުރު ދާއިރާ
3- އިފްހާމް ހުސެއިން – މާފަންނު އުތުރު ދާއިރާ
މީގެ ކުރިން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްފައިވާ 44 ދާއިރާގެ ޕްރައިމަރީ ނުބާއްވާނެކަން އެ ޕާޓީން ވަނީ އިއުލާންކޮށްފައެެވެ. އެމްޑީޕީ އިން މީގެ ކުރިން މަޖިލީހަށް ޝައުގުވެރިކަން ހުށަހަޅަން ހުޅުވާލިއިރު ބަލަނީ ހަމައެކަނި ޕާޓީގެ މެންބަރެއްތޯއެވެ. އެހެންނަމަވެސް މިފަހަރު އެ ޕާޓީން ވަނީ ކުށުގެ ރިކޯޑު ސާފުކުރުމަށްފަހު ހުށަހަޅަންޖެހޭ ގޮތަށް ހަދާފައެވެ.
އެމްޑީޕީގެ ޕްރައިމަރީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.