ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ތިބި މެންބަރުންނަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ކުރިއަށް އޮތް ޕްރައިމަރީއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ، އިންތިހާބުތަކުގައި ޕާޓީގެ ދަފްތަރުގައި ތިބޭ މީހުންނަށް ވޯޓު ލެވޭ ގޮތަށް އޮތް އޮތުމުން ބައެއް މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ތަފާތު އެކި ސިޔާސީ ޕާތީތަކުގެ އެތެރޭގެ އިންތިހާޞުތަކުގައި އެކަކު ވޯޓުލަމުންދާ މަންޒަރު ފެންނަ ކަން އެމްޑީޕީން ފާހަގަ ކުރެއްވިއެވެ.
އެ މައްސަލަތައް ހައްލު ކުރުމަށް ޕްރައިމަރީގައި ވޯޓު ލެވޭނީ އިލެކްޝަންސްގެ ދަފްތަރުގައި ހުންނަ މީހުންނަށް ކަމަށް އެމްޑީޕީން ބުނެއެވެ. މިހާރު ވެސް އެމްޑިޕީގެ އިލެކްޗަންސް ދަފްތަރުގައި ތިބި ކިތަންމެ ބަޔަކު އެހެން ޕާޓީތަކުގެ ވޯޓާސް ލިސްޓުގައި އެބަ ތިބި ކަން ފާހަގަ ކުރެވޭ ކަމަށް އެމްޑީޕީން ބުނެއެެވެ. އެގޮތުން ނިމިދިޔަ ޕީއެންސީ ޕްރައިމަރީގައި ވެސް އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީ ދަފްތަރުގައި ތިބި ކިތަންމެ ބަޔަކު ވޯޓު ދިން ކަމަށާއި މި ކަން ހައްލު ކުރެވޭނީ ހުރިހާ ޕާޓީއަކުން ވެސް އެގޮތަށް އަމަލުކޮށްގެން ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އިލެކްޝަންސް ދަފްތަރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި މީހަކަށް ވޯޓު ލާން ފުރުސަތު ނުދީ ކުރެވޭނެ ކަމެއް ނެތް ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބަލާނީ އިލެކްޝަންސް ދަފްތަރުގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުރެއްޖެ ކޮންމެ މީހަކީ އެއީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ބުނެއެެވެ.
މީގެ ކުރިން އެމްޑީޕިން ވެސް އަމަލުކުރަމުން އައީ އެ ޕާޓީގެ ސެކްރެޓަރީއަށް އެމްޑީޕިގެ މެންބަރު ކަމުގެ ފޯމު ގެންނަ ކޮންމެ މީހަކަށް ވޯޓު ދެވޭ ގޮތަށެވެ. ނަމަވެސް އެއީ މާ ރަނގަޅު ގޮތެއް ނޫން ކަމަށް އެމްޑީޕީން ދެކިގެން އެ ބަދަލު ވަނީ އެމްޑީޕީގެ އެންމެ ފަހުގެ ކަންގްރެސްގައި އާސާސީ ގަވައިދަށް ބަދަލު ގެނެސްފައި ކަމަށް އެމްޑީޕީން ބުނެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާޞުގެ އެމްޑީޕީ ޕްރައިމަރީ އަންނަ ހޮނިރު ދުވަހު ބާއްވާ އިރު އެ އިންތިހާޞުގައި 40 ދާއިރާއަކަށް ޖުމްލަ 149 ކެންޑިޑޭޓުން ކުރިމަތިލާނެ ކަމަށް އެމްޑީޕީން ބުނެއެވެެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 25،325 މީހުންނަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.