ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިނީ ސެކިއުރިޓީ ނެތް ވަގުތެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތާއި ސެކިއުރިޓީ ލިބޭ ފަރާތާ ދެމެދު އަމަލުކުރަން ޖެހޭ އުސޫލުތަކެއް ހުންނަ ކަމަށާއި އެ އުސޫލުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ މި ހަމަލާ ހިނގިއިރު ޕީޖީ ޝަމީމް ސެކިއުރިޓީ ގެ ގޮތުން އެއްވެސް ބޭފުޅަކު ނަންގަވާފައެއް ނުވާ ކަމަށެވެ. އަދި މިހާރު ތްރެޑެއް އުޅޭ ނަމަ ސެކިއުރިޓީ ފޯރުކޮށްދެމުން ދާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ފަދަ ތްރެޓެއް ނެތް ކަމުގައި ވިޔަސް ދައުލަތުގެ އިސް ފަރާތްތަކަށް 24 ގަޑިއިރު ސެކިއުރިޓީ ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސްޕްރިޑްންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ އެމްއެންޑީއެފްއާއި ދެ ފަރާތުން ގުޅިގެން ޝަމީމްއަށް ބޭނުންވާ ހަށިފާރަވެރިން އައްޔަންކޮށް، ބޭނުންވާ ސެކިއުރިޓީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ސެކިއުރިޓީ ނެތީ އޭނާ އަމިއްލައަށް ކުރެއްވި މެސެޖަކާ ގުޅިގެން ކަމަށް ނާފިޒު ވިދާޅުވިއެވެ.

ނާފިޒު ވިދާޅުވީ މި ވަގުތަށް މި މައްސަލާގައި ޝާމިލުވާ ކަމަށް ބެލެވޭ ދެ ފަރާތެއް ފުލުހުންގެ ހައްޔަރަށް ގެނެވި، ތަހުގީގުކުރަމުންދާ ކަމަށާއި އެ ދެ މީހަކު ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެކަމުގެ ފަހަތުގައި މީހުންތަކެއް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވޭދުވެދިޔަ ތަނުގައި އެ ކަހަލަ މައްސަލަތަކުން ލިބިފައިވާ މައުލޫމާތު ތަކާއި ތަޖުރިބާތަކުން މީގެ އިތުރު ބަޔަކު ވެދާނެ ކަމަށް ބަލައިގެން ތަހުގީގު ކުރިއަށްގެންދާ ކަމަށް ނާފިޒު ވިދާޅުވިއެވެ.