އިއްޔެ ހެނދުނު ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ދުރާލާ ރާވައިގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ފުލުހުންގެ އިދާރާއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ އެ ހަމަލާއަކީ އެކަން ކުރި ފަރާތްތަކުން މޫނު ނިވައި ކޮށްގެން އަދި ވަރަށް ބޮޑަށް އެއީ ކާކުކަން ނޭނގޭ ގޮތަށް ރޭވިގެން ހިންގި ކަމެއްކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެ އަމަލު ހިންގި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މި މައްސަލާގައި ބާވަތުން މި މައްސަލާގެ އިތުރު މައުލޫމާތު ދެވޭކަށް ނެތް ކަމަށާއި އަދި ތަހުގީގު ފަށައިގަތީ ކަމަށެވެ. އެހެންކަމުން އެ ތަހުގީގަށް ދަތިވާ ފަދަ އެއްވެސް މައުލޫމާތެއް ދެވޭކަށް ނެތް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ވަރަކަށް ތަހުގީގުން ހާމަވާ މުހިއްމު މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.

އިއްޔެ ހެނދުނު ޝަމީމަށް ދިން ހަމަލާއާ ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންގޮސްފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.