އަސުރުމާ3 ދޯންޏަށް ބޭރު ގައުމެއްގެ ސިފައިން އެރި މައްސަލައިގައި އިންޑިއާ އާއި ސްރީލަންކާގެ ބައިވެރިވުމެއް އޮތްތޯ ބެލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
ރާއްޖޭ އުތުރުގައި މަސްވެރިކަމަށް ނިކުމެ އުޅުނު އދ. މަހިބަދޫ އަސުރުމާ 3 ނަމަކަށް ކިޔަ ދޯންޏަކަށް އިންޑިއާ ސިފައިން އަރާ ބަލައިފާސްކުރި މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ އަސުރުމާ 3 ދޯންޏަށް ގައުމެއްގެ ކަނޑުގެ ސިފައިން އަރާ ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމުން ކަންބޮޑުވާ ކަމަށެވެ.
އަދި މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަކީ އެމްއެންޑީއެފްގެ ޒިންމާއަކަށްވުމުން، އެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.
އދ. މަހިބަދޫއަށް ނިސްބަތްވާ ”އަސުރުމާ 3“ ދޯނި އޮތީ މަލިކު ކައިރީ އިންޑިޔާގެ ސަރަހައްދުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެ މަސްދޯނި ވަނީ ކޯމަސް އައިނެއް ފަހަތުން ދުއްވާފައި ގޮސް، ރާއްޖޭގެ ސަރަހައްދު ފަހަނަ އަޅާ ގޮސްފައި ކަމަށާއި އެއާއެކު އިންޑިޔާ ސިފައިން ވަނީ އެމީހުންގެ އިގްތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އޮތް ދޯނި، އެތަނުގައި ކުރަނީ ކޮން ކަމެއްތޯ އަހާ، އަދި ކޮން ގައުމެއްގެ ބައެއްތޯ ސާފު ކޮށްފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ އެ ދޯނި ހިފަހައްޓާފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިން ކަން މިހާތަނަށް އައި އިރު ވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެެވެ.
މިކަމާ ބެހޭ ގޮތުން ބޮޑު ކަންނެލި މެސްވެރިންގެ ޔޫނިއަންއިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ 'އަސުރުމާ 3' ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޔޫނިއަންއިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލާފައެވެ.