މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ސްކޭމްގެ އެކި މައްސަލަތަކުގައި 27 މިލިއަން ރުފިޔާ އާންމުން އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑު، ޗީފް ސުޕްރިންޓެންޑެންޓު އަހްމަދު ނާފިޒު ވިދާޅުވީ، ފާއިތުވެދިޔަ ދެ މަހު ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ހޯދުނީ އެއް މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުން ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން މިހާތަނަށް 57 މިލިއަނެއްހާ ރުފިޔާ ސްކޭމްތަކުގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ.

ސްކޭމްތައް ހިންގާ މީހުން އިންތިޒާމުވެގެން ކުރާ މަސައްކަތާއި މީޑިއާގެ ވަސީލަތްތައް ތަރައްގީވެފައިވާ މިންވަރުގެ ސަބަބުން ސްކޭމްގެ މައްސަލަތައް ހޯދައި ބެލުމަށް ދަތިތައް ހުރިކަން ފާހަގަކުރައްވައި ނާފިޒު ވިދާޅުވީ، މިފަދަ ސަބަބުތައް ހުރުމުން ސްކޭމްގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދަން ދަތިވެފައިވާ ކަމަށެވެ.

ދަތިތަކާ އެކު ވެސް، އާންމުން އަތުން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.