މިއަދު ހެނދުނު ދިން ހަމަލާއިން ވައަތުގައި ރެނދުލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އަށް ހަމަލާދީފައި ވަނީ ހެނދުނު ކަސްތަރުގައި އުޅުއްވަނިކޮށެވެ. އަދި އޭނާގެ ވައަތަށް ލިބުނު ޒަހަމާއެކު އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.
ޝަމީމް ވިދާޅުވީ މިއަދު ހެނދުނު ހަމަލާއެއް ދީފައިވާ ކަަމަށާއި އެކަމުގެ ސަބަބުން ވައަތުގައި ރެނދެއް ލާފައިވާ ކަމަށެވެ. އަދި މިހާރު ހުންނެވީ އާއިލާއާއެކު ގޭގައި ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ މަސައްކަތާއި ދުވުމާއި ބައިސްކަލު ދުއްވުން އަދި ފެތުމަށް ދެން އެނބުރި ވަޑައިގަންނަވާނީ މާ ވަރުގަދަކޮށް ކަމަށެވެެ.
ޕީޖީއިން ބުނީ ހަމަލާދީފައި ވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށާއި އެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
ފުލުހުން އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން ގެންދާއިރު މިއަދު ހެނދުނު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ޝަމީމްގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.
އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.