މިއަދު ހެނދުނު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއަށް ދިން ހަމަލާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިއަދު ހެނދުނު، ޝަމީމަށް ބަޔަކު ހަމަލާދީ ޒަހަމް ކޮށްލާފައި ވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ އެކަން ހިނގާފައިވަނީ މިއަދު ހެނދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ކަމަށެެވެ.

އެގޮތުން އޭނާއަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ބުނެފައި ވެއެވެ. އަދި މި ހަމަލާއާ ގުޅިގެން އޭނާ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މި ހަމަލާއާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސެކިއުޓާ ޖެނެރަލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ، އެ އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މިއަދު ހެނދުނު، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ޕީޖީގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވިކަން ޕީޖީ އިން ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރު ކުރުމަށްޓަކައި މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ.