ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާ އަށް ބަދަލު ކުރައްވައިފިއެވެ.

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް އެމަނިކުފާނުގެ ދިރިއުޅުން ބަދަލު ކުރައްވާފައި ވަނީ ކްލައިމެޓް ވެލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށެވެ.

ސީވީއެފް އަކީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތައް ތަމްސީލުކުރުމަށް އެ ގައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި ސަރުކާރުގެ އެހެނިހެން ލީޑަރުން ބައިވެރިވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. ރާއްޖެ ހިމެނޭހެން 58 ގައުމަކުން ބައިވެރިވެގެން އުފައްދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.

ނަޝީދު މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީވީއެފްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލު ކުރެއްވިކަން މިރޭ އިއުލާންކޮށްފައިވާއިރު މިދިޔަ މަހު އެމަނިކުފާނު ވަނީ ވަގުތީ ގޮތުން ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ.

އަދި ދާދިފަހުން އެމަނިކުފާނު ވަނީ އާ ބޭފުޅަކާ ކައިވެނިވެސް ބައްލަވާ ވަޑައިގެންފައެވެ. ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހު ރުޝްދީއަށް މުނިކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ އާއި ނަޝީދު ކައިވެނި ބައްލަވައިގަތީ ސްރީލަންކާގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.