ރުހުން ނުދިން ވަޒީރުންގެ ނަންތައް އަނބުރާ މަޖިލީހަށް ނުފޮނުވޭނެ ކަމަށާއި އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.

މިހާރު އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އައްޔަންކޮށް އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ގާނޫނު މާނަ ކުރައްވަން ތިއްބަވާ މަޖިލީހުގެ މެންބަރުންނާއި މަޖިލިސްގެ އަމީންއާމް އަދި މަޖިލިސްގެ ރައީސް މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ބައްދަލުވުމެއްގައި އޭނާ ހުންނެވި ކަމަށާއި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަނބުރާ މަޖިލީހަށް ނުފޮނުވޭނެ ކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައެއް ނޫން އެ ކަންތައް ވަޒީރުކަން ދެއްވުމަށްފަހު މަޖިލިހަށް ފޮނުވުން އެއީ. އަޅުގަނޑުމެން ޕާލިމަންޓްރީ ގްރޫޕްގައި މަޝްވަރާ ކުރާނަން، ކޮން ގޮތަކަށްތޯ މިކަމުގައި އަޅުގަނޑުމެން އަމަލު ކުރާނީ. އޭގެ ފަހުގައި އަޅުގަނޑުމެން ކުރިއަށް ދާނެ ގޮތެއް ނިންމާނީ"
މުހައްމަދު ރަޝީދު (ބިގޭ)

އެހެންކަމުން މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންގެ ނަން އަނބުރާ މަޖިލީހަށް ފޮނުވުމަކީ ގާނޫނީ އިމުގެ ތެރެއިން ކުރައްވާ ކަމެއް ނޫން ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕްގައި މަޝްވަރާ ކުރުމަށް ފަހު އެ ޕާޓީން ގޮތެއް ނިންމާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ދެ ދުވަހު މަޖިލީހުގައި ހިންގި ހަމަނުޖެހުންތައް ބިގޭ ސިފަ ކުރެއްވީ، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތެއްގެ ގޮތުގައެވެ. ތަކެއްޗަށް ގެއްލުން ދެމުން ގެންދިއުމަކީ މަޖިލިސް މެންބަރުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މަޖިލީހުގެ އުސޫލާ ވެސް ހިލާފު ކަމެއް ކަމަށާއި ރިޔާސަތަށް ފުރުސަތު ނުދިނުމައްޓަކައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން އަމަލު ކުރެއްވި ގޮތް އޭނާ ކުށްވެރި ކުރެއްވިއެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނިންމުމާ ގުޅިގެން މަޖިިލިސް ތެރޭގައި ހަމަނުޖެހުން ހިންގާ މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖު ކުރަމުން ދިޔަ ކަން ފާހަގަ ކުރެއްވިއެވެ. އެއީ އެއްގޮތަކަށް ވެސް އެ ދުވަހު ކަންކުރަން ޖެހޭ ގޮތް ނޫން ކަމަށް ބިގޭ ވިދާޅުވިއެވެ. މި ކަމުން ފެނިގެން ދިޔައީ ސަރުކާރުގެ ނުފޫޒު ބޭނުން ކުރަމުން ދިޔަ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.