ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ، ހ. ތިމާވެށިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ކަމަށާއި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ. ތިމާވެށި ގެ އިން ވަގަށް ނަގާފައިވާ ބައެއް ތަކެތި އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާ ކަމަށާއި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭ ކަމަށެވެ. އަދި އެ ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައިވާ ކަމަށެވެ.