ޒައިނަބް (އަސްލު ނަމެއް ނޫން) ސިއެރާ ލިއޯނިއަންގެ ވެރިރަށް ފްރީޓައުންގައި ހުންނަ އޮފީހެއްގައި އިނދެ، ފޯނަކަށް ގުޅަމުން ދިޔައެވެ. ދެފަހަރަށް ރިންގުވީ ތަނާ ފޯނަށް ޖަވާބުދިނީ ފިރިހެނެކެވެ.

"އަހަރެން އަޑު އެހިން ލެބަނަންގައި ވަޒީފާތަކަށް މީހުން ހޯދާ ވާހަކަ. މިތަނުގައި އަހަރެން އުޅެމުން މިއަންނަނީ ވަރަށް އުނދަގޫ ދިރިއުޅުމެއް. މިތަނުން ދާން އަހަރެން ބޭނުން. އަހަންނަށް މިކަމުގައި އެހީވެވިދާނެތަ؟" އުމުރުން 29 އަހަރުގެ ޒައިނަބް އެހިއެވެ.

ފްރީޓައުންގެ ދެކުނުން 32 ކިލޯމީޓަރު (20 މޭލު) ދުރުގައި އޮންނަ އާބާދީ ބޮޑު އަވަށެއް ކަމަށްވާ ވޯޓާލޫގައި އެ ފިރިހެން މީހާ އޭނާއަށް އެޑްރެހެއް ދީ، ޑައުންޕޭމަންޓެއްގެ ގޮތުގައި 3 މިލިއަން ލިއޯންސް (150 ޑޮލަރު) ގެނައުމަށް ބުންޏެވެ. ފޯނު ބޭއްވުމަށް ފަހު ޒައިނަބް ގުޅީ އިންސާނީ ވަގުފާރި ކުރާ މީހުން ހިފެހެއްޓުމަށް އެމެރިކާގެ އެމްބަސީން ތަމްރީނުކޮށްފައިވާ ޕޮލިސް ޑިވިޝަނެއް ކަމަށްވާ ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ޔުނިޓަށެވެ.

"ކުށްކުރާ މީހާއާ ހަމައަށް ވާސިލުވުމަކީ އުނދަގޫ ކަމަކަށް ވެދާނެ. ބައެއް އަހަރެމެން އެކަހަލަ މީހުން ހައްޔަރުކުރަނީ އެމީހުން ހިންގާ ޕްރޮގްރާމަށް މީހަކު ޝައުގުވެރިވާ ކަމަށް އެމީހުންނަށް ޤަބޫލުކޮށްދީގެން އޮޅުވާލައިގެން." ޔުނިޓްގެ އިސްވެރިޔާ އެމަނުއެލް ކޯލް ވިދާޅުވިއެވެ.

މިއީ ޒައިނަބް ފުލުހުންގެ އަންޑަކަވާ އޮޕަރޭޝަނަކަށް އެހީތެރިވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ހަތަރު އަހަރު ކުރިން އޭނާވެސް ވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެ އޮމާންއަށް ގެންގޮސްފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކޮށް އަދި ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމުން އޭނާ ވަނީ އޭނާގެ އައިލާގެ ގެއަކުން ފިލާފައެވެ. ޒައިނަބް މިހާރު މަސައްކަތް ކުރަމުން އަންނަނީ މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމެވެ.

"ބިރު ނުގަންނަން އަހަރެން ވަރަށް މަސައްކަތް ކުރަން. އަހަރެންނަށް އެނގޭ އަހަރެން މިކުރަނީ ރަނގަޅު މަސައްކަތެއްކަން."

ޕެނިންސިއުލާއެއް ހުރަސްކޮށް ހަދާފައިވާ ފްރީޓައުންގައި ފެންބޮޑުވުމުގެ ސަބަބުން މީހުންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ

މައްސަލަ އިތުރަށް ގޯސްވުން

އިންސާނީ ވަގުފާރިއަކީ ބާރުގެ ބޭނުން ކުރުމާއި މަޖުބޫރުކުރުން ނުވަތަ މަކަރާއި ހީލަތް ހަދައިގެން މީހަކު އާ މަންޒިލަކަށް ފޮނުވުމާއި، އެމީހެއްގެ ކިބައިން ނަފާ ހޯދުމެވެ. ރަސްމީ މައުލޫމާތު މަދުނަމަވެސް ތަޖުރިބާކާރުން ބުނަނީ ސިއެރާ ލިއޯންގައި މި މައްސަލަ ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.

ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ އަދަދު ގާތްގަނޑަކަށް 60 ޕަސެންޓަށް އަރާއިރު، އާބާދީގެ ބޮޑު ބައެއް ދުވާލަކު 3 ޑޮލަރަށް ވުރެ ކުޑަ އަގެއްގައި ދިރިއުޅެމުންދާއިރު، ޓްރެފިކް ކުރާ މީހުން ޝިކާރަކުރަން އެތައް ހާސް ބަޔަކު އެބަތިއްބެވެ. މެދުއިރުމަތީގެ ރަނގަޅު މުސާރަލިބޭ ވަޒީފާތަކަށް އެމީހުން ގިނަ ފަހަރަށް އަމާޒުކުރަނީ އަންހެނުންނަށެވެ.

"ކަލޭއަށް ވިއްކަނީ ލައިފްސްޓައިލްއެއް." ގަތަރުގެ އެޑްވޮކޭސީ ގްރޫޕެއް ކަމަށްވާ މައިގްރަންޓް ރައިޓްސްގެ ވާނީ ސާރަސްވަތީ ބުންޏެވެ.

މި އެޖެންޓުންނަކީ ލުބްނާން، އޮމާން، ދުބާއީ، ކުވައިތު އަދި ތުރުކީ ފަދަ ގައުމުތަކުގައި ކުޑަކުދިން ބެލުމަށް، ހެއާޑްރެސަރުންނަށް، ގޭތެރޭ މަސައްކަތް ކުރުމަށް ނުވަތަ ޝޮޕް އެސިސްޓެންޓުންގެ ވަޒީފާ ހޯދައިދޭ އެޖެންޓުންނެވެ. ނަމަވެސް އެމީހުންގެ ކްލައިންޓުން އެ ފޮނުވާ މަންޒިލަކަށް ދިއުމުން އެމީހުންގެ ޕާސްޕޯޓު ގިނަ ފަހަރަށް ހިފަހައްޓައި، މީހުންގެ ގޭގޭގައި މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރަން މަޖުބޫރުކުރެއެވެ. ގިނަ ޒުވާން އަންހެން ކުދިން ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައެވެ.

"އެމީހުން ބުނީ އަހަންނަކީ އަޅެއްކަމަށް އަދި މުސާރަ ދޭން ނުޖެހޭނެ ކަމަށް." މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރަން އޮމާނަށް ދިޔަ އަންހެނަކު ކިޔައިދިނެވެ. "ގޭގައި އެކަނި އުޅޭ ވަގުތު ގޭގެ ވެރިމީހާ އަހަރެންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގާ. އަހަރެންގެ ކަރުގަ ވަޅި ޖައްސާފައި ބުނީ ހަޅޭއް ލަވައިފިނަމަ ކަރު ބުރިކޮށްލާނެ ކަމަށް."

މި މައްސަލަ މޮނިޓާ ކުރާ ފަރާތްތަކުން ބުނަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފަދަ މައްސަލަތައް އިތުރަށް ގޯސްވެފައިވާ ކަމަށެވެ. ސިއެރާ ލިއޯންގައި ހުންނަ އދ.ގެ މައިގްރޭޝަން އެޖެންސީގެ ވެރިޔާ ކްރިސްޓޯސް ކްރިސްޓޮޑޯލައިޑްސް ވިދާޅުވީ އެފަދަ މައްސަލަތައް އިތުރުވެ، މައްސަލަތަކުގެ ނާޒުކުކަން ވެސް އިތުރުވެފައިވާކަމަށެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ބައެއް މީހުން ފިލައިގެން ދާއިރު، އެތައް އަހަރެއް ވަންދެން ބިރުވެރި ހާލަތްތަކުގައި ގިނަ ބަޔަކު އުޅެއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑޯ ބޯލްޑުން ވަނީ އޮމާންގައި މަސައްކަތްކުރާ 469 ސިއެރާ ލިއޯނިއަންގެ ގެވެށި މަސައްކަތްތެރިންނާ އިންޓަވިއުކޮށްފައެވެ. ހައިރާންކުރުވަނިވި ކަމަކީ އޭގެ ތެރެއިން 99 ޕަސެންޓް މީހުން ޓްރެފިކްކޮށްފައިވާ ކަމަށް ބުނާއިރު، އޭގެ ތިންބައިކުޅަ މީހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކޮށްފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި މައްސަލަ ދަނީ ބޮޑުވަމުންނެވެ. 1950 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރުގެ އެންމެ 0.003 ޕަސެންޓް ހިއްސާކޮށްފައިވީ ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު 10 ޕަސެންޓް ގައުމުތަކުގެ ތެރޭގައި ސިއެރާ ލިއޯން ހިމެނެއެވެ.

އެތަނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ގޮނޑުދޮށުގައި ކަމަށް ވާއިރު، އެ މީހުންގެ ގެތަކަށް ފެންބޮޑުވުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ހިޖުރަވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޑްވޮކޭސީ ނެޓްވޯކް އެގެއިންސްޓް ރެގިއުލޭޓާ މައިގްރޭޝަން (އޭއެންއޭއައިއެމް) ހިންގާ އަދި އޮމާންއިން ޒައިނަބު ސަލާމަތް ކުރުމަށް އެހީތެރިވެދިން ޝެކޫ ބަންގުރާ ބުނީ ފެންބޮޑުވެ ނުވަތަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެދޮރު ހަލާކުވުމުން ޓްރެފިކް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ފްރީޓައުންގައި ކޮންމެ އަހަރަކު ވެސް ފެންބޮޑުވެ، ގެދޮރު ހަލާކުވެ، އާންމުންގެ ފުރާނަ އަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ފެންބޮޑުވުމުގެ ސަބަބުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެ ސިޓީގައި 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިދިޔަ ހޫނު މޫސުމުގައި ބޯކޮށް ވާރޭ ވެހުމާ އެކު އެ ގައުމުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ކޮނޮޓް އަށް ޗަކަ ފެން ވަދެ، އާލާތްތަކަށް ގެއްލުންވެ ބަލި މީހުންނަށް ނުރައްކާވިއެވެ.

ބޯކޮށް ވާރޭ ވެހި، ދަނޑުވެރިކަން ދަށްވުމުގެ ސަބަބުން ދަނޑުވެރިން ސިޓީއަށް ހިޖުރަކުރަން މަޖުބޫރުވެއެވެ. އުސް ފަރުބަދަތަކުގައި މީހުން ތޮއްޖެހިފައިވާ އާބާދީތަކަށް މިހާރު ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. 2017 ވަނަ އަހަރު އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމަށްފަހު، ތިރީގައި އޮތް އާބާދީއަކަށް ފަރުބަދައެއް ވެއްޓި، ނިދާފައި ތިއްބާ 1000 އަށްވުރެ ގިނަ މީހުން ހިތާމަވެރި ގޮތަކަށް މަރުވިއެވެ.

ފްރީޓައުންގެ ފަގީރު ބައެއް މުޖުތަމައުތައް ދިރިއުޅެނީ ކްރޫ ބޭ ފަދަ ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުގައި

"އަހަރެމެން ގައިގައި ތަޅާ އަނިޔާކުރި"

ސަކޯހް ކަމަރާ ދުބާއީއަށް ޓްރެފިކް ކުރީ ބިންގަނޑު ކަނޑައިގެން ގޮސް އޭނާގެ ގެއަށް ލިބުނު ގެއްލުމުގައި އޭނާގެ ބައްޕަ އާއި ތިން އަހަރުގެ ދަރިފުޅު މަރުވިތާ ދުވަސްކޮޅެއް ފަހުންނެވެ.

އޮގަސްޓް 14، 2017 ވަނަ ދުވަހުގެ ހެނދުނު ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ނިންމާލުމަށްފަހު ކަމަރާ އެނބުރި އައީ ހިތާމަވެރި މަންޒަރަކަށެވެ. އޭނާގެ އަވަށު އޮތީ ޗަކަފެނާއި ކުނިތަކުން ފުރިފައެވެ. އެދުވަހު ހެނދުނު 6:00 އެހާކަންހާއިރު ބިންހެލުން އައި އިރު އޭނާގެ ދަރިފުޅާއި ބައްޕަ އޮތީ ގޭތެރޭގައި ނިދާފައެވެ.

"އެމީހުންގެ ހަށިތައް ނުވެސް ފެނުނު."

ހޮސްޕިޓަލުގައި 15 ދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު، މިހާރު 36 އަހަރުގެ ކަމަރާ ދިރިއުޅުން އާރާސްތުކުރަން ފެށީ ފްރީޓައުންގެ ވޯޓާފްރަންޓްގައި ކަޒިންއަކާ އެކު ދިރިއުޅެމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން އެގެވެސް ހަލާކުވެގެން ދިޔައިރު، ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު، އޭނާ ނިންމީ ސިއެރާ ލިއޯން ދޫކޮށް ދިއުމަށެވެ.

ދުބާއީގެ ސުޕަމާކެޓް ޗެކްއައުޓަކުން ފައިދާހުރި މަސައްކަތެއް ދޭނެ ކަމަށް ޓްރެފިކް ކުރާ މީހަކު އޭނާއަށް ވައުދުވިއެވެ. އޭގެ ބަދަލުގައި އޭނާ އަށް ވަޒީފާ ދިނީ ގަނޑުކުރާ ކާބޯތަކެތީގެ ގުދަނަކުންނެވެ. 7 މަސް ދުވަސް ވަންދެން އެތަނުގައި އޭނާ ވަޒީފާ އަދާކުރީ މުސާރައެއް ނުލިބިއެވެ. ދުވާލަކު 24 ގަޑިއިރު މަސައްކަތް ކުރިއިރު، ވަރުބަލި ފިލުވާލަން ކަނެއްގައި ޖައްސާލެވެނީ ގަޑިއިރަކަށެވެ.

"އެމީހުން އަހަރެމެންނަށް ވަރަށް އަނިޔާކުރި. ވަރުބަލި ފިލުވާލަން ޖައްސާލާ ކޮންމެ ފަހަރަކު އައިސް ތަޅާ އަނިޔާ ކުރާނެ."

ފިލައިގެން ގޮސް އަލުން ސިއެރާ ލިއޯނަށް ދިއުމަށްފަހު ކަމަރާ ވަނީ ބަންގުރާގެ އެޑްވޮކޭސީ ގްރޫޕް ކަމަށްވާ އޭއެންއޭއައިއެމްގައި ވޮލަންޓިއާ ކުރަން ފަށާފައެވެ. އޭނާގެ މަގްސަދަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް މީހުން ވިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަނޑުވެރިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ

ފުލުހުން ހިންގި އޮޕަރޭޝަން

އަންޑަކަވާ ފުލުހަކު ދުއްވާ ސައިކަލެއްގެ ފުރަގަހުގައި ޕޮލިސް ސްޓޭޝަނުން ނުކުތުމުގެ ކުރިން ޒައިނަބު ބޮޑު އަވި އައިނެއް އެޅިއެވެ.

"އަހަރެން ބޭނުމެއް ނޫން އޭނާއަށް އަހަރެން މީ ކާކުކަން ހަނދާންވާކަށް." ޒައިނަބް ބުންޏެވެ.

ބައްދަލުކުރާ ހިސާބަށް ދެވުނުއިރު، ހަތަރު ފުލުހުންގެ ތެރެއިން ދެ ފުލުހަކު ކަލާޝްނިކޯވް ހަތިޔާރު އަޅައިގެން ކައިރީގައި އޮތް ވޭނެއްގައި މަޑުކޮށްލައިގެން ތިއްބެވެ. އިރުކޮޅަކުން އުމުރުން ސާޅީހަކަށް އަހަރުގެ ފިރިހެނަކު ފައިމަގުގައި ޒައިނަބުގެ ގާތަށް އައެވެ. ޒައިނަބް އެމީހާ ގާތުގައި ބުނީ ކޮއްކޮމެންގެ ސްކޫލް ފީ ދެއްކުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށާއި އެ ފިރިހެން މީހާގެ ނަންބަރު ލިބުނީ އަދަމާ ކިޔާ ރަހުމަތްތެރިއެއްގެ އަތުން ކަމަށެވެ. އެ މީހާ ހަމްދަރުދީއާ އެކު ބޯ ޖަހައި، އޭނާއަށް އެހީވެވިދާނެ ކަމަށް ބުނަމުން ދިޔައީ އޭގެ ކުރީ އަހަރު އުމުރުން 18 އަހަރުގެ އާދަމާ ބެއިރޫތަށް ފޮނުވި ކަން ހާމަވުމުންނެވެ.

ޖީބުތެރޭގައި އޮތް ފޯނުން ޒައިނަބް ފުލުހުންނަށް ގުޅާ އިޝާރާތެއް ދިނެވެ. އޭގެ އިރުކޮޅެއް ފަހުން، ޓްރެފިކް ކުރާ މީހާ ހިފަހައްޓަން ފުލުހުން ނުކުމެގެން އައުމުން، ޒައިނަބް އެތަނުން ދުއްވައިގަތީ އޭނާގެ މޫނު މަތިން އެ ފިރިހެން މީހާ ހަނދާން ހުރެދާނެ ކަމުގެ ބިރަށެވެ.

އިންސާނީ ވަގުފާރީގެ ކުށް ސާބިތުވާ ކޮންމެ މީހަކަށް މަދުވެގެން 25 އަހަރުގެ އަދަބެއް ދޭން ސިއެރާ ލިއޯން އިން 2022 ވަނަ އަހަރު އާ ގާނޫނެއް ފާސްކުރި ފަހުން އެތައް އެޖެންޓުންނެއް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ކުށް ސާބިތުވެފައި ވަނީ އެންމެ ތިން މީހުންގެ މައްޗަށެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އެކަކު ވަނީ މިނިވަންވެފައެވެ. ޓްރެފިކް ކުރާ މީހުން ގިނަ ފަހަރަށް ޖަލުން ނުކުންނަނީ ރިޝްވަތު ދީގެން ނުވަތަ ސިޔާސީގޮތުން ކުޅެގެންނެވެ.